މާލޭގެ ސަލްޓަން ޕާކުގައި އީ-ސްޕޯރޓްސް އޭރިއާއެއް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން މިއަދު އިޢުލާންކޮށްފިއެވެ.
މާލީ ވުޒާރާއިން ވިދާޅުވީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ބީލަން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ”ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު“ އާއި ”ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު“ ގެ އިތުރުން ”ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ“ އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. އަދި ބިޑް ސެކިޔުރިޓީގެ ގޮތުގައި 36,500 ރުފިޔާ ހުށަހަޅަންޖެހޭއިރު، ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 13:00 އެވެ. ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ.
ސަލްޓަން ޕާކަކީ މާލޭގައި އާއިލާތަކާއި ކުޑަކުދިންގެ މެދުގައި ވަރަށް މަޤްބޫލު ތަނަކަށްވީއިރު، އެތަން ހަލާކުވެ ވީނާރާވަމުން ދިއުމާ ގުޅިގެން ސަރުކާރުން ވަނީ މިދިޔަ އޮގަސްޓު މަހުން ފެށިގެން އާބާތުރަފިލުވުމުގެ ބޮޑު މަޝްރޫޢެއް ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން ޕާކުގެ ވިއު ސްޓްރަކްޗަރ، ޓްރީހައުސް، ވޯކްވޭތައް އަދި ކުޑަކުދިން ކުޅޭ ސަރަޙައްދުތައް ވަނީ މަރާމާތުކޮށްފައެވެ.
މީގެއިތުރުން، ޕާކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޭނުންވާ ބެންޗުތައް ހެދުމާއި، ކޮންކްރީޓް ފްލޯ މަރާމާތުކުރުމުގެ އިތުރުން ސީސީޓީވީ ކެމެރާގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްވެސް ވަނީ ނިންމާފައެވެ.



