އައިވަރީ ކޯސްޓު ބަލިކޮށް، 28 އަހަރު ފަހުން ނޯވޭ ފީފާ ވޯލްޑް ކަޕްގެ ގަދަ 16އަށް ދަތުރުކޮށްފިއެވެ.
ވޯލްޑް ކަޕަށް ނޯވޭ ކޮލިފައި ވެފައިމިވަނީ ވެސް 28 އަހަރު ފަހުންނެވެ.
ރޭގައި ކުޅުނު ފޯރިގަދަ އެ މެޗުގައި، ފުރަތަމަ ހާފުގެ 30 ވަރަކަށް މިނެޓުގައި މެޗު ކޮންޓްރޯލްކުރީ އައިވަރީ ކޯސްޓުންނެވެ. ފުރަތަމަ ހާފުގައި އެކަނި ވެސް ނުވަ ކޯނަރު އައިވަރީ ކޯސްޓަށް ލިބުނެވެ. އެކަމަކު ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.
ނަމަވެސް އައިވަރީ ކޯސްޓުގެ ކޮންޓްރޯލު ފޫއަޅުވާލައި، އެ ހާފު ނިމެން ކައިރިވެފައި ވަނިކޮށް މެޗުގެ 39 ވަނަ މިނެޓުގައި ނޯވޭގެ އެންޓޯނިއޯ ނޫސާ ވަނީ އައިވަރީ ކޯސްޓުގެ ޕެނަލްޓީ އޭރިއާގެ ވައަތު ފަޅިން ހިތްގައިމު ގޯލެއް ޖަހާފައެވެ.
ނޯވޭގެ އެ ގޯލަށް ޖަވާބު ދެމުން މެޗުގެ 74 ވަނަ މިނެޓުގައި، އައިވަރީ ކޯސްޓުގެ ފަރާތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ވިންގަރު އަމަދު ޑިއާލޯ ވަނީ ގޯލެއް ޖަހާފައެވެ.
އެހިސާބުން އުއްމީދު ކަނޑާނުލައި އިތުރު ހިތްވަރަކާއެކު ނޯވޭއިން މެޗުގެ ލީޑު ދެ ވަނަ ފަހަރަށް ނެގީ 86 ވަނަ މިނެޓުގައެވެ. އާލިން ހާލެންޑަށް ލިބުނު ފުރުސަތަކާއެކު މެޗު ނިމުނީ 2-1 އިން ނޯވޭ މޮޅުވެގެންނެވެ.
މި މެޗުން މޮޅުވުމާ ގުޅިގެން މުބާރާތުގެ ގަދަ 16ގައި ނޯވޭއިން ދެން ނުކުންނާނީ ބްރެޒިލްއާ ދެކޮޅަށެވެ.



