ރޭގައި ކުޅުނު މެޗުގައި، ސްވިޑެން އަށް މާ ބޮޑު ފުރުސަތެއް ނުދީ 3-0 އިން މޮޅު ވެގެން ފްރާންސް، ފީފާ ވޯލްޑް ކަޕްގެ ގަދަ 16 އަށް ދަތުރު ކޮށްފިއެވެ.
ނޮކައުޓް ބުރުގެ ފުރަތަމަ ބުރުގެ މެޗުގައި ރޭ ފްރާންސް ފުރަތަމަ ހާފު ނިންމާލީ ހާފުގެ ފަހު މިނިޓުގައި އުސްމާން ޑެމްބެލޭ ދިން ބޯޅައެއް ހިފައިގެން ކުރިއަށް ޖެހިލައި ކިލިއަން އެމްބާޕޭ ޖަހައިދިން ގޯލުންނެވެ.
ނަމަވެސް އޭގެ ކުރިންވެސް ފުރަތަމަ ހާފުގައި ގިނަ ލަނޑުތަކެއް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަކަން ފާހަގަ ކުރެވުނެވެ.
އެގޮތުން އެމްބާޕޭ އާއި ބްރެޑީ ބާކޮލާ އާއި މައިކަލް އޮލީސޭ އަދި ޑެމްބެލޭ އަދި އެޑްރިއެން ރަބޮއޯގެ ހަމަލާތައް ވަނީ ނާކާމިޔާބު ވެފަ އެވެ. އެމްބާޕޭ ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑިއަށް ވެސް އަމާޒު ވެފައިވެ އެވެ. އަދި ފަހުން އޮލީސޭ ފޮނުވާލި އޯވާހެޑް ކިކް ވެސް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހުނު އިރު ރީބައުންސް ބޯޅަ ޑެމްބެލޭ ފޮނުވާލުމުން ދިޔައީ ގޯލުގެ ކަނާ ދިމާލުން ބޭރަށެވެ.
ދެވަނަ ހާފުގައި ފްރާންސްގެ ލީޑު ފުޅާ ކުރީ 53 ވަނަ މިނެޓުގައި ބާކޮލާ ޖަހައިދިން ގޯލުންނެވެ. އަދި އެމްބާޕޭ ވަނީ 74 ވަނަ މިނިޓުގައި ފްރާޏްސްގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. ދެ ގޯލު ވެސް އެސިސްޓް ކޮށްދިނީ އޮލީސޭ އެވެ.
ރޭގެ މެޗުގެ ދެ ލަނޑާއެކު، އެމްބާޕޭ މި ވަނީ މި މުބާރާތުގައި މިހާތަނަށް ޖުމްލަ ހަ ލަނޑު ހަމަކޮށް އާޖެންޓީނާގެ ލިއޮނެލް މެސީއާ އެއްވަރު ކޮށްފައެވެ.
މީގެއިތުރުން އެމްބާޕޭ މިވަނީ ފީފާ ވޯލްޑް ކަޕްގައި އޭނާ މިހާތަނަށް ކުޅުނު ޖުމްލަ 18 މެޗުން 18 ގޯލު ކާމިޔާބުކޮށް، 29 މެޗުން 19 ގޯލު ޖަހައިގެން ލިސްޓުގެ ކުރީގައި އޮތް މެސީއާ އޮތް ފަރަގު އެއް ގޯލަށް ކުޑަ ކޮށްފައެވެ.




