އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގެ މަޤާމަށް މުޙައްމަދު ޝަކީލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަނުކުރައްވައިފިއެވެ.
ޝަކީލު މި މަޤާމަށް އައްޔަންކުރެއްވީ އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އޭނާ ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރެއްވީ މި މަހުގެ 24 ވަނަ ދުވަހުއެވެ.
މިއީ މުޙައްމަދު ޝަކީލް އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަން އަދާކުރައްވާ ދެވަނަ ފަހަރެވެ. މީގެކުރިން 3 ޑިސެންބަރު 2014 އިން ފެށިގެން 9 މޭ 2018 އާ ހަމައަށް ޝަކީލް ވަނީ އެ ކޮމިޝަންގެ މެންބަރުކަން ފުރުއްވާފައެވެ. އޭގެ ކުރިން 1 ސެޕްޓެންބަރު 2013 އިން 3 ޑިސެންބަރު 2014 އަށް އެ ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް ޝަކީލް ވަނީ އަދާކުރައްވާފައެވެ.
އިލެކްޝަންސް ކޮމިޝަނާ އަލުން ގުޅިވަޑައިގަތުމުގެ ކުރިން، ޝަކީލް ހުންނެވީ މި ސަރުކާރުގެ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމުގައެވެ.




