ވ. ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.
މި މަޤާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 22 ވާ ހޮނިހިރު ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، މި މަޤާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ފުރުސަތު ހުޅުވާލުމުންވެސް އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާތީއެވެ. އެގޮތުން އެޕްރީލް 4 ވަނަ ދުވަހާއި، މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭއްވި އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައިވެސް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައެއް ނުވެއެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ 14:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ކުރިމަތިލާން އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި އިދާރީ ފީ ދައްކަންޖެހޭނީ އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް http://my.elections.gov.mv މެދުވެރިކޮށެވެ.
ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައްވެސް އަންގާނީ މި ޕޯޓަލް މެދުވެރިކޮށް ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.
އޮންލައިންކޮށް ފޯމު ހުށަހެޅޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރުފަހު 15:30 އިން ހަވީރު 18:00 އަށެވެ.
އަންނަ މަހުގެ 22 ގައި ބާއްވާ މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ.




