މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމުގައި މިވަގުތު 1000އަށްވުރެ ގިނަ މީހުން ފަރުވާ ހޯދަމުންދާ ކަމަށާއި، ފަރުވާގެ ނިޒާމަށް އެދިފައިވާ ވީހާވެސް ގިނަ މީހުންނަށް ފުރުޞަތު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ނޭޝެނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ހާމަކޮށްފިއެވެ.
ދާޚިލީ ސަލާމަތުގެ ދާއިރާއިން ރާއްޖޭއިން އެންމެ ބޮޑު އިސްކަމެއްދޭ އެއް ދާއިރާއަކީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމުގެ މަސައްކަތް ހަރުދަނާކުރުމެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ”ރާއްޖެމިއަދު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެންޑީއޭގެ ޗެއަރމަން އަހުމަދު ސިއްދީޤް ވިދާޅުވީ، އެންޑީއޭގެ ބެލުމުގެ ދަށުން ޖުމްލަ 1082 މީހުން މިވަގުތުވެސް ފަރުވާގެ އެކި ޕްރޮގްރާމްތައް ފުރިހަމަކުރަމުންދާ ކަމަށެވެ. މީގެ ތެރޭގައި ތަފާތު ހަތް ޕްރޮގްރާމެއް ހިމެނޭއިރު، އޭގެ ތެރޭގައި މަރުކަޒުގައި ތިބެގެން ހޯދާ ފަރުވާއާއި، ސެމީ ރެސިޑެންސް ފަރުވާ އަދި ކޮމިއުނިޓީ ފަރުވާ ހިމެނެއެވެ.
”އަމިއްލައަށް އެދިގެން އަދި ކޯޓު އަމުރުގެ ދަށުން 533 މީހުން ދަނީ ފަރުވާ ހޯދަމުން. މީގެ ތެރޭގައި 18 އަހަރުން ދަށުގެ 8 ކުދިންވެސް ހިމެނޭ. ސެމީ ރެސިޑެންސް ފަރުވާގައި 24 މީހުން އެބަތިބި. އަދި މަރުކަޒުގައި ބައިތިއްބައިގެން 113 މީހުންނަށް ދަނީ ފަރުވާ ދެމުން. މެތަޑޮން ފަރުވާގައި 370 މީހުން އުޅޭ.“ސިއްދީޤް ވިދާޅުވިއެވެ.
ނަމަވެސް، ފަރުވާގެ ނިޒާމަށް ވަނުމަށް މިވަގުތުވެސް 710 މީހަކު ވެއިޓިން ލިސްޓުގައި އެބަތިބިކަން ސިއްދީޤް ފާހަގަކުރެއްވިއެވެ.
ފަރުވާގެ ދާއިރާގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ސިއްދީޤް ވިދާޅުވީ، އުމްރާނީ ވަސީލަތްތަކާއި އިންސާނީ ވަސީލަތްތައް ނެތުމަކީ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. މިކަމަށް ހައްލު ހޯދުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ރިހެބިލިޓޭޝަން ސެންޓަރުތައް ތަރައްޤީކޮށް، ފަރުވާގެ ނިޒާމު މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
ސިއްދީޤް ފާހަގަކުރެއްވީ، ފަރުވާ ފުރިހަމަކޮށް މުޖުތަމަޢަށް ނުކުންނަ މީހުން އެގޮތުގައި ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އެފަދަ ފަރާތްތަކުގެ ހުނަރު ތަރައްޤީކުރުމާއި ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، މިކަމަށް ދާއިމީ ހައްލެއް ލިބޭނީ މުޖުތަމަޢުގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދަށުން، ވޭތުވެދިޔަ ދެ އަހަރު ތެރޭގައި 320އަށްވުރެ ގިނަ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އަދި މިދިޔަ ހަތަރު އަހަރުގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅޭ 140އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާކަންވެސް އެ އިދާރާއިން ފާހަގަކުރެއެވެ.




