ޒުވާން ޚަތީބުން ތަމްރީންކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ 5 ވަނަ ބުރު މި ފެށޭ ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މި ޕްރޮގްރާމަކީ ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި ޒުވާން ކުދިންނަށް މި ފުރުޞަތު ފަހިކޮށްދިނުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މިހާތަނަށް މި ޕްރޮގްރާމްގެ 4 ބުރެއް ކުރިއަށްގެންގޮސްފައިވާއިރު، އަންނަ ހަފްތާގައި ފަށާ 5 ވަނަ ބުރުގައި ޖުމްލަ 80 ޒުވާން ޚަތީބުން ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ހޮވާލެވުނު 40 ކުދިންނާއި އަތޮޅުތަކުން ބައިވެރިވާ 40 ކުދިންނެވެ.
އިސްލާމީ ކަންތައްތަކާ ބޭހޭ ވަޒީރުގެ ނައިބް އަލްއުސްތާޛް އަލީ ވަހީދު ވިދާޅުވީ، މާލެ ސަރަޙައްދުން ކުރިމަތިލި ކުދިންގެ ތަމްރީންތައް ކުރިއަށްދާނީ އިސްލާމިކް މިނިސްޓްރީގައި ކަމަށެވެ. އަދި އަތޮޅުތަކުން ބައިވެރިވި ކުދިންގެ ތަމްރީންތައް ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށްވެސް ނައިބު ވިދާޅުވިއެވެ.
ޒުވާނުން ބާރުވެރިކުރުވުމުގެ މަސައްކަތުގެ ދަށުން، އަންނަ ސެޕްޓެމްބަރު މަހު ޒުވާން ޚަތީބުންނަށް ޚާއްސަ މަހާސިންތާއެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.
”ޒުވާނުން ބާރުވެރިކޮށް ދީނީ ގޮތުން އައު ޖީލެއް އުފެއްދުމަށްޓަކައި މަސައްކަތުގެ އެންމެ މުހިއްމު އެއް ބޮޅެއްގެ ގޮތުގައި މި އަންނަނީ ސެޕްޓެމްބަރު މަހު ޒުވާން ޚަތީބުންނަށް ޚައްސަކޮށްގެން މަހާސިންތާއެއް ބޭއްވުން. 1000 ޚަތީބުން މީގައި ބައިވެރިކުރުމަކީ އަމާޒެއް.“ އަލީ ވަހީދު ވިދާޅުވިއެވެ.
މި ޕްރޮގްރާމަކީ ގްރޭޑް 10، 11، އަދި 12 އެއްގައި ކިޔަވަމުންދާ ދަރިވަރުންނަށާއި، ކިޔެވުން ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.
އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ ޖުމްލަ 1000 ޒުވާން ޚަތީބުން ތަމްރީންކުރުން ކަމަށްވާއިރު، މިހާތަނަށް 600 އަށް ވުރެ ގިނަ ޒުވާނުން ވަނީ މި ޕްރޮގްރާމްގެ ދަށުން ސަނަދު ހާސިލްކޮށްފައެވެ.




