ބޫޓާނުގެ ތިމްޕޫގައި މިހާރު ކުރިއަށްދާ 16 ވަނަ ސައުތް އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެންޕިއަންޝިޕުގައި ވާދަކުރި ރާއްޖޭގެ ގައުމީ ޓީމުން ރަން މެޑައްޔަކާއި ދެ ރިހި މެޑަލް ހޯދައި ބޮޑު ކާމިޔާބީއެއް ހާސިލްކޮށްފިއެވެ.
މި މުބާރާތުގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިނީ މެންސް އެތުލެޓިކް ފިޒީކް އަޕް ޓު 167 ސީއެމް ކެޓެގެރީގައި ވާދަކުރި އަޒްނީން ރަޝާދް އެވެ.
ރާއްޖެއަށް ރިހި މެޑަލް ހޯދައިދިން ދެ އެތުލީޓުންނަކީ އަހްމަދު ނައީމް އަދި އަލީ މަބްރޫކް ލަޠީފްއެވެ. އަހްމަދު ނައީމް ރިހި މެޑަލް ހާސިލްކުރީ މެންސް އެތުލެޓިކް ފިޒީކް އަޕް ޓު 170 ސީއެމް ކެޓެގެރީންނެވެ. އަދި އަލީ މަބްރޫކް ލަޠީފް ރިހި މެޑަލް ކަށަވަރުކުރީ މެންސް އެތުލެޓިކް ފިޒީކް އަޕް ޓު 175 ސީއެމް ކެޓެގެރީގައި ވާދަކޮށްގެންނެވެ.
މެޑަލްތަކުގެ އިތުރުންވެސް ރާއްޖޭގެ އެތުލީޓުން ވަނީ ގަދަ ފަހެއްގެ ތެރޭގައި ހިމެނި ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. އެގޮތުން މެންސް ބޮޑީބިލްޑިންގ ޖޫނިއާ ބައިން އަހްމަދު ރިޒާން ނިޒާރް ހަތަރުވަނަ ހޯދިއިރު، މެންސް ބޮޑީބިލްޑިންގ 55 ކޭޖީ ކެޓެގެރީން އިބްރާހިމް ސިވާހް ވެސް ވަނީ ހަތަރުވަނަ ހޯދާފައެވެ. މީގެ އިތުރުން މެންސް ސްޕޯޓްސް ފިޒީކް އަޕް ޓު 175 ސީއެމްއިން އިނާޒް ޔޫސުފް ހަތަރުވަނަ ހޯދިއިރު، މެންސް ސްޕޯޓްސް ފިޒީކް އަޕް ޓު 170 ސީއެމްއިން ރާއްޖެއަށް ވަނީ ފަސްވަނަ ލިބިފައެވެ.
މި ކާމިޔާބީތައް ހޯދި ގައުމީ ޓީމަށް އިރުޝާދުދީފައިވަނީ ކޯޗް ޢަބްދުލްހަސީބް ހުސައިންއެވެ. އަދި ޓީމުގެ މެނޭޖަރަކީ މުހައްމަދު ނަޒީހްއެވެ.
މިދިޔަ މަހުގެ 30 އިން ފެށިގެން މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތަކީ ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ އެތުލީޓުން ވާދަކުރާ މުބާރާތެކެވެ.




