މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ”މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ“ ގެ ތެރެއިން މިއަދު ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކަކާއެކު ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ހަރަކާތް ކުރިއަށް ދާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
އެމްއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި މިއަދު ހަވީރު 4:00 އިން 6:00 އަށް ކުރިއަށްދާ މި ކުޑަކުދިންގެ ހަވީރުގައި ތަފާތު އެކި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ކުޅިވަރުތައް ހިމެނޭނެއެވެ. މީގެ އިތުރުން މި ހަރަކާތުގައި ބައިވެރިވާ ކުދިންނަށް ގިނަ އަދަދެއްގެ އިނާމުތައް ލިބުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލެވިފައެވެ.
ކުޑަކުދިންގެ ހަވީރު ކުރިއަށްދާ ވަގުތު އެކްސްޕޯގެ މައިގަނޑު ހަރަކާތްތައް ވެސް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ. އަދި މިރޭގެ އިތުރުން ހޮނިހިރު ދުވަހުގެ ރޭ 10:00 ޖަހާއިރު ސެންޓްރަލް ޕާކު ސަރަހައްދުގައި ހަވާ އެރުވުމުގެ ހަރަކާތެއް ވެސް ކުރިއަށް ދާނެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފެށި މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް 25000 ރުފިޔާގެ ފައިސާގެ އިނާމް ކޮންމެ ދުވަހަކު ލިބުމުގެ ފުރުސަތު އޮވެއެވެ. އަދި ކޮންމެ ދުވަހަކު 5 އައިޕެޑާއި އެ ނޫންވެސް އެތައް އިނާމެއް ހުށަހެޅިފައިވެއެވެ.



