މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލްކުރާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
ޕެންޝަން އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ފުރުޞަތު ހުޅުވާލާފައިވަނީ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުންގެ ތެރެއިން ހުސްވެފައިވާ 2 މަޤާމަކަށެވެ.
ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ ބޯޑު މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން ހޮވުމާއި އައްޔަންކުރުމާބެހޭ އުސޫލާ އެއްގޮތަށެވެ. އެގޮތުން، ބޯޑަށް މެންބަރުން ހޮވުމަށް އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 3 ނަން ޝޯޓްލިސްޓް ކުރާނެއެވެ. އަދި އެއަށްފަހު ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން (ސީ.އެމް.ޑީ.އޭ) މަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ޝަރުޠު ހަމަވާކަން ޔަޤީން ކުރާނެ ކަމަށްވެސް އެ އޮފީހުން ވިދާޅުވެއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 35 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް ވާންޖެހެއެވެ. އަދި ވިޔަފާރި، އިޤްތިޞާދީ ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށް، އެއިން ދާއިރާއެއްގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއެކު، ޕެންޝަން ނުވަތަ އިންވެސްޓްމަންޓް ދާއިރާގެ ތަޖުރިބާ ހުރުމަކީ ލާޒިމް ކަމެކެވެ. މީގެ އިތުރުން، ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކަށް ވެގެން ނުވާނެއެވެ.
ޕެންޝަން އޮފީހުން ވަނީ ބޯޑު މެންބަރުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، އަދި މެންބަރުން ހޮވުމުގައި އިސްކަންދޭނެ ދާއިރާތައް ހިމެނޭ ޓާރމްސް އޮފް ރެފަރަންސްތައް ޝާޢިއުކޮށްފައެވެ.
މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ގޫގުލް ފޯމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އެދިފައެވެ.
2009 ވަނަ އަހަރު ޤާއިމްކޮށްފައިވާ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަކީ ރާއްޖޭގެ ޕެންޝަން ސްކީމްތައް ބެލެހެއްޓުމަށް އުފައްދާފައިވާ މުއައްސަސާއެކެވެ. މި އޮފީސް ހިންގަމުން ގެންދަނީ ޖުމްލަ 8 މެންބަރުން ހިމެނޭ ބޯޑެއްގެ ބެލުމުގެ ދަށުންނެވެ. ބޯޑުގައި ހިމެނެނީ ޗެއަރޕަރސަންގެ އިތުރުން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ 3 މެންބަރުންނާއި، ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ 4 މެންބަރުންނެވެ.
ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުން ޕެންޝަން އޮފީހުގެ ބޯޑަށް ޢައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.



