ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ ހިމަބިހި ނުވަތަ މީސަލްސް އަނެއްކާވެސް ފެތުރެން ފަށާފައިވާއިރު، ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އެކަނިވެސް މި ބަލީގެ 44 ކޭސްއެއް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
މިއަހަރުގެ މޭ މަހުން ފެށިގެން މި ބަލި އަނެއްކާވެސް ފެންނަން ފަށާފައިވާއިރު، މިހާތަނަށް ޖުމްލަ 66 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.
މި ބައްޔަކީ ވަރަށް ފަސޭހައިން ވައިގެ ތެރެއިން ފެތުރޭ ބައްޔަކަށް ވާއިރު، ބަލި ޖެހިފައިވާ މީހަކު ކެއްސުމާއި ކިނބިހި އެޅުމުގެ ސަބަބުން ވައިރަސް ވައިގެ ތެރޭގައި ދެ ގަޑިއިރު ވަންދެން ހަރުލާފައި ހުރެއެވެ. އެހެންކަމުން، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އާންމު ރައްޔިތުންގެ ފަރުދީ ޒިންމާ ނެގުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ބަލީގެ އަލާމާތްތަކާއި ފެތުރޭ ގޮތް
ހިމަބިހީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ރޯގާޖެހުން، ކެއްސުން، ލޯ ރަތްވުން އަދި ގައިގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. އާންމުކޮށް ބިހިތައް ފުރަތަމަ ނަގަނީ މޫނާއި ކަރުގައެވެ. ބަލި ޖެހި ބޮޑުވަރުވެއްޖެނަމަ ނިއުމޯނިއާއި ސިކުނޑީގެ މައްސަލަތަކަށްވެސް މީހާ ހުށަހެޅިދާނެއެވެ. ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން އެހެން މީހަކަށް ބަލި ފެތުރެނީ ގައިގައި ބިހި ނެގުމުގެ ހަތަރު ދުވަސް ކުރިން ފެށިގެން، ބިހި ނެގުމަށްފަހު ހަތަރު ދުވަސް ހަމަވަންދެންނެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތައް
ބަލިން ރައްކާތެރިވުމަށްޓަކައި އެންމެ މުހިންމު ކަމަކީ މީސަލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމެވެ. މީގެ އިތުރުން ސައިބޯނިލައިގެން އަތްދޮވުމާއި، ކެއްސާ ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ނިވާކުރުމަށް އެޗްޕީއޭއިން އިރުޝާދު ދެއެވެ. ”ގައިގައި ބިހި ނެގުމުގެ އަލާމާތް ފެނިއްޖެނަމަ، ވީހާވެސް އަވަހަށް ޑޮކްޓަރަށް ދައްކާ އެކަހެރިވާންވާނެ،“ އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި ބަލި މީހާއާ ސީދާ ދިމާވި މީހުން ނުވަތަ ޑައިރެކްޓް ކޮންޓެކްޓުންގެ މައުލޫމާތު އަވަހަށް ހިއްސާކުރުމަކީ ބަލި ކޮންޓްރޯލްކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މި އައުޓްބްރޭކާ ގުޅިގެން އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުގައި ބަލި މީހުންނަށް ދެއްކޭނެ ވަކި އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ހުޅުމާލޭގައި އައިސޮލޭޝަން ފެސިލިޓީއެއް ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، އާންމުކޮށް ހުޅުވާލައިގެން ވެކްސިން ދިނުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ.
ރާއްޖޭގެ ބޮޑު އާބާދީއަކުން ވެކްސިން ފުރިހަމަކޮށްފައިވާތީ، މިހާތަނަށް މި އައުޓްބްރޭކްގައި އެއްވެސް ސީރިއަސް ކޭސްއެއް ފެނިފައި ނުވެއެވެ.



