ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝުޖާއު ޢަލީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން، އޭނާގެ ގޮނޑި ހުސްވެއްޖެ ކަމަށް ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ކަނޑައަޅައިފިއެވެ.
ޝުޖާއު މި މަގާމަށް އިންތިހާބުވެވަޑައިގަތީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައެވެ.
އެލްޖީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު، މިއަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިންތިހާބުވުމަށްފަހު، ދައުރުގެ ތެރޭގައި އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި މިދިޔަ މޭ މަހުގެ 19 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވެފައިވާކަން އެ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 116 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރު ތެރޭގައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ކައުންސިލް މެންބަރުކަމުގެ މަގާމުން ވަކިވާނެ ކަމަށެވެ.
އެލްޖީއޭގެ ބޯޑު ބައްދަލުވުމުގައި މިހާރު ވަނީ ޝުޖާއު މަގާމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ނިންމާފައެވެ.
މި މައްސަލައާ ގުޅިގެން، ޝުޖާއުގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ކައުންސިލްގެ ނައިބު ރައީސްއާ ހަވާލުކުރުމަށް އެލްޖީއޭއިން އެންގީ މިދިޔަ ޖޫން މަހުގެ ފަސް ވަނަ ދުވަހުއެވެ.
އަދި އެލްޖީއޭގެ ބޯޑުން ގޮތެއް ނިންމަންދެން މަގާމުގެ މަސްއޫލިއްޔަތުން އެއްކިބާވުމަށާއި ކައުންސިލް އިދާރާއަށް ނުނިކުތުމަށްވެސް އޭރު އޭނާއަށް އޮތީ އަންގާފައެވެ.


