ހއ. ތަކަންދޫގައި ކުރިއަށްދާ ތަރިކަ ރައްކާތެރި ކުރުމުގެ މަޝްރޫއުތަކުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް، ފަންނާއި ސަޤާފަތާއި ތަރިކައާއި ބެހޭ މިނިސްޓަރު ހީނާ ވަލީދު ބައްލަވާލައްވައިފިއެވެ.
މިނިސްޓަރު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އުތީމާއި، ތަކަންދޫ އަދި ބާރަށުގައި ހުރި އާސާރީ ބިނާތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ކުރިއަށްދާ މަސައްކަތްތައް ބައްލަވައިލެއްވުމަށާއި، ކުރިއަށް އޮތް ޤައުމީ ދުވަހުގެ ތައްޔާރީތައް ބައްލަވައިލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ތަކަންދޫއަށް ވަޑައިގެން، އެ ރަށުގައި ހުރި ތާރީޚީ ބިނާތަކުގެ ހާލަތާއި، މިހާރު ކުރިއަށްދާ މަރާމާތުގެ މަސައްކަތްތަކުގެ ފަހުގެ މަޢުލޫމާތު މިނިސްޓަރު ވަނީ އޮޅުންފިލުއްވާފައެވެ. އެގޮތުން ތަކަންދޫގައި ހުންނަ އުތީމު އަލިތަކުރުފާނުގެ ޒިޔާރަތަށް ވަޑައިގެން، އެތަނުގެ ހާލަތު ބައްލަވައިލެއްވުމުގެ އިތުރުން އެރަށުގެ ހިރިގަލު ގަބުރުސްތާނާއި، ވެވު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތްވެސް ވަނީ ބައްލަވާލައްވާފައެވެ. އަދި ރަށުގެ ކުޅިތަކަށް ޒިޔާރަތް ކުރައްވައި، އެ ސަރަހައްދުތަކުގެ މުހިންމު ކަމާއި ގުޅޭގޮތުންވެސް މަޢުލޫމާތު ހޯއްދަވާފައިވެއެވެ.
މީގެ އިތުރުން، އުތީމުގައި ފަށާފައިވާ ތަރިކައިގެ މަޝްރޫޢުތަކުގެ ތެރެއިން ތަކުރުފާނުގެ ދޮރޯށީގެ މަސައްކަތާއި، ކަނދުވަލު މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތުގެ އިތުރުން ’ވާހަކަ ވައު‘ ސަރަހައްދު ތަރައްޤީ ކުރުމުގެ މަސައްކަތް ބައްލަވައިލައްވައި، މިއަހަރުގެ ޤައުމީ ދުވަހުގެ ކުރިން މި ހުރިހާ މަޝްރޫއުތަކެއް ނިމި، ރަސްމީކޮށް ހުޅުވޭނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.
މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ހީނާ ވިދާޅުވީ، މިތަންތަނުގެ ރައްކާތެރިކަން ބަލަހައްޓައި މިތަންތަން ތަރިކައިގެ ގޮތުގައި ބަލަހައްޓަމުން ދަނީ، މިރަށުގެ ރައްޔިތުންގެ ވަރަށް ބުރަ މަސައްކަތުން ކަމަށާއި، އާރްޑީސީއާއި ޙަވާލުކޮށްގެން މިމަސައްކަތް ކުރާއިރު އެފަރާތްތަކުންވެސް ވަރަށް ބާރަށް އެމަސައްކަތް ކުރަމުންދާ ކަމަށެވެ.
ވީމާ ޤައުމީ ދުވަސް އަންނަވާއިރަށް މިތަންތަން ނިމި ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.




