ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ ފަހު ޖާގަ ކޮލަމްބިޔާ އިން ހޯދައިފިއެވެ.
ކޮލަމްބިޔާ ގަދަ 16 އަށް ދަތުރުކުރީ 32 ޓީމްގެ ބުރުގެ ފަހު މެޗުގެ 1-0 ން ގާނާ ބަލިކޮށްގެންނެވެ. މެޗުގެ ހަމައެކަނި ލަނޑު 14 ވަނަ މިނިޓްގައި ޖެހީ ޖޯން އަރިއާސް އެވެ. އެއީ ހަތްވަނަ މިނިޓްގައި ބަދަލަކަށް ނިކުއިން ލުކަސް ސުއަރޭޒް ނަގައިދިން ހުރަސް އޭރިޔާ ތެރޭގައި ހުރެ އެއްފަހަރުން ގޯލަށް ފޮނުވާލައިގެންނެވެ.
ލުކަސް ސުއަރޭޒް ކުޅެން ނިކުތީ ޖޯން ކޯޑޯބާއަށް އަނިޔާވެގެން އޭނާގެ ބަދަލުގައެވެ. ފުރަތަމަ ހާފްގައި ލަނޑެއް ޖަހަން ދެން އެންމެ ރަނގަޅު ފުރުޞަތެއް ލިބުނީ ޖޯހަން މޮހީކާ އަށެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އޭނާ ފޮނުވާލި ބޯޅަ ކީޕަރު ދިފާއު ކުރިއެވެ.
ދެވަނަ ހާފްގައި ލުއިސް ޑިއާޒް އަށް މުޅިން ހުސްކޮށް ލިބުނު ބޯޅަ ޖެހީ ކީޕަރު އަތަށެވެ. އޭގެކުރިންވެސް ކޮލަމްބިޔާއިން ފޮނުވާލި ބާރު އެޓޭކެއް ކީޕަރު ދިފާއުކުރިއެވެ. ގަދަ ސޯޅަ ބުރުގައި ކޮލަމްބިޔާ ވާދަކުރަން ޖެހޭނީ ސްވިޒަރލެންޑާއެވެ. މުބާރާތުގައި ކޮލަމްބިޔާ އަދި ބައްޔެއް ނުވެއެވެ.
ގަދަ ސޯޅަ ބުރުގެ ފުރަތަމަ މެޗުގައި މިރޭ ރާއްޖެ ގަޑިން 10 ޖަހާއިރު ވާދަކުރާނީ ކެނެޑާ އާއި މޮރޮކޯއެވެ.




