ހއ. ބާރަށުގައި ހުރި އާސާރީ ތަންތަން ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް އުތީމާއި، ތަކަންދޫ އަދި ބާރަށުގައި ހުރި އާސާރީ ބިނާތައް ހިމާޔަތްކުރުމަށް ކުރިއަށްދާ މަސައްކަތްތައް ބައްލަވައިލެއްވުމަށާއި، ކުރިއަށް އޮތް ޤައުމީ ދުވަހުގެ ތައްޔާރީތައް އޮޅުންފިލުއްވުމަށް އެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބާރަށަށް ވަޑައިގެންނެވުމަށްފަހުގައެވެ.
މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ވަނީ ބާރަށު ކައުންސިލާ ބައްދަލުކުރައްވައި، ރަށުގެ ތަރިކަ ހިމާޔަތްކުރުމަށް ކުރިއަށްދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި މަސައްކަތްތައް ތަރުތީބުވެފައިވާ ގޮތް އޮޅުންފިލުއްވާފައެވެ. އަދި މިކަމުގައި ކައުންސިލާއި ރަށުގެ ރައްޔިތުންގެ ބޭނުންވާ ގޮތްތަކާއި، ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި ކައުންސިލްގެ ތަޞައްވުރާއި ރައްޔިތުންގެ ޚިޔާލުވެސް ވަޒީރު ވަނީ ހޯއްދަވާފައެވެ.
”މިރަށުގައި އެބަހުރި މި މިސްކިތް ކަހަލަ ވަރަށް ބައިވަރު ތަންތަން މިގޮތައް ބަލަހައްޓަންޖެހޭ. އާސާރުގެ ގޮތުގައި އެހެންވީމައި ކުރިއަށް އޮތްތަނުގައި ވުޒާރާއާއި ކައުންސިލާއި ގުޅިގެން މިތަންތަން އިތުރަށް ބަލައްޓައި ރައްކާތެރިކުރުމުގެ މަސައްކަތްތައް ކައުންސިލާއި މަޝްވަރާކޮށް އެކަން ގެންދެވެނޭ ގޮތަކަށް މަސައްކަތްތައް ކުރިއަށްގެންދާނަން“ މިނިސްޓަރު ވިދާޅުވިއެވެ.
ބާރަށުގައި މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫއުތަކުގެ ތެރޭގައި، ކަމަނާމަގު ސާފުކޮށް ތަރައްޤީކުރުމާއި، ކަޅުއޮށްފުންމި ބަނދެފައިވާ ތާރީޚީ ސަރަހައްދު އަދި ވާރުގެ ތަރައްޤީކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ހުރިހާ މަޝްރޫއުތަކެއްވެސް މިއަހަރުގެ ޤައުމީ ދުވަހުގެ ކުރިން ނިންމުމަށް އަމާޒު ހިފައިގެން ބާރުސްޕީޑުގައި މަސައްކަތްތައް ދަނީ ކުރިއަށެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ވަނީ ބާރަށުގެ ތާރީޚީ ބިނާތަކަށް ޒިޔާރަތްކުރައްވައި، ކަޅުއޮށްފުންމި ބަނދެފައިވާ ސަރަހައްދާއި ވާރުގެ ތަރައްޤީކުރުމުގެ މަސައްކަތް ބައްލަވާލައްވާފައެވެ.
މީގެ އިތުރުން، ތާރީޚީ ކަޅުއޮށްފުންމި ބޭއްވުނު އޮޅުފަތި ކޯރަށާއި، އެ އޮޑި އައްސާފައި ބޭއްވުމަށް ބޭނުންކުރި ތިން ބެރެބެދިގަސް ހުރި ސަރަހައްދުގެ އިތުރުން، ރަށުގެ އެކި ކުޅިތަކަށާއި ތާރީޚީ ހުކުރު މިސްކިތަށްވެސް މިނިސްޓަރު ޒިޔާރަތްކުރެއްވިއެވެ.



