ބޭންކް އޮފް މޯލްޑިވްސްގެ ކާޑު މެޝިން ބޭނުންކުރާ ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސް ’އެޑްވާންސް މާޗަންޓް ސެޓްލްމަންޓް‘ ޚިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.
ބީއެމްއެލް އިން ބުނިގޮތުގައި، މިއީ ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ވީހާވެސް ފަސޭހަކަމާއެކު އަވަހަށް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
މިގޮތުން މި ޚިދުމަތަށް އެދި ހުށަހެޅުމުގެ މަރުހަލާ އިތުރަށް ފަސޭހަކޮށް، 5 ދުވަސްތެރޭގައި ފައިނޭންސިންގ ލިބޭނެ ގޮތަށް މިވަނީ ބަދަލުކޮށްފައެވެ. އަދި ވިޔަފާރިތަކުން ކާޑު މެޝިނުގައި ހިންގާފައިވާ މުއާމަލާތްތަކަށް ބަލައި 2 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެއެވެ.
”މިއީ ދިވެހި ވިޔަފާރިތަކަށް ބޭނުންވާ މާލީ ޚިދުމަތްތައް ފުޅާކޮށް، އިތުރަށް ވަރުގަދަކުރުމަށް އަޅުގަނޑުމެން މެދުކެނޑުމެއްނެތި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގެނެވުނު ހެޔޮ ބަދަލެއް. ފައިނޭންސިންގ އަށް އެދި ހުށަހަޅާ ޕްރޮސެސް ފަސޭހަކޮށްދީ، ފައިނޭންސިންގ ގެ ސްކޯޕް އިތުރަށް ފުޅާކޮށް، އަޅުގަނޑުމެންގެ މަގުސަދަކީ އަޅުގަނޑުމެންގެ މަރޗަންޓުންގެ ވިޔަފާރިއަށް ބޭނުންވާ މާލީ އެހީތައް ފަސޭހަހަމާއެކު ހަމަޖައްސައިދީ، ވިޔަފާރިތައް އިތުރަށް ކުރިއެރުވުން.“ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
މި ފައިނޭންސަށް އެދި ހުށަހެޅޭނީ، ބީއެމްއެލް މަރޗަންޓް ޚިދުމަތް މެދުވެރިކޮށް މަދުވެގެން 6 މަސްދުވަހު ކާޑުގެ މުއާމަލާތްތައް ހިންގާފައިވާ ފަރާތްތަކަށް ކަމަށާއި އަދި މަހަކު އެވްރެޖްކޮށް ބީއެމްއެލް ކާޑުން 20،000 ރުފިޔާގެ ވިޔަފާރިކޮށްފައިވުމާއެކު، އެއްވެސް މާލީ އިދާރާއަކަށް ފައިސާ ދައްކަންޖެހި ނުދައްކައި އޮވެގެން ނުވާނެ ކަމަށް ބީއެމްއެލްއިން ބިންޏެވެ.
މި ފައިނޭންސިންގ އަނބުރާ ދެއްކުމުގައިވެސް ވިޔަފާރިވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން، ކޮންމެ ދުވަހަކު ލިބޭ ކާޑު ސޭލްސްގެ ތެރެއިން މި ފައިނޭންސިންގ އަށް އަނބުރާ ދައްކަންޖެހޭ އަދަދު އޮޓޮމެޓިކުން ކެނޑޭނެ އިންތިޒާމު ވަނީ ގާއިމުކޮށްފައެވެ.
މި ޚިދުމަތަށް އެދި ބީއެމްއެލް އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް އެޕްގެ މެދުވެރިކޮށް ހުށަހެޅޭނެއެވެ.
ބީއެމްއެލްއިން ބުނިގޮތުގައި، މި ބަދަލުތަކަކީ ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިން ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދީ، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތަކަށް އެހީތެރިވެ، ވިޔަފާރިތައް ދިގުމުއްދަތަކަށް ކުރިއެރުވުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.
އެޑްވާންސް މަރޗަންޓް ސެޓްލްމެންޓާ ގުޅޭ އިތުރު މަޢުލޫމާތު މި ލިންކު :https://www.bankofmaldives.com.mv/business-and-sme/bml-business-financing/advance-merchant-settlement މެދުވެރިކޮށް ލިބޭނެ ކަމަށް ބީއެމްްލްއިން ބުންޏެވެ.



