ރޭގައި ފިލަޑެލްފިއާގައި ކުޅުނު މެޗުގައި، ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން 1-0 އިން ޕެރަގުއޭ ބަލިކޮށް ފްރާންސް ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.
މި އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ރެކޯޑް 37 ޑިގްރީ ސެލްސިއަސްގެ ހޫނުމިނުގައި ކުޅުނު މި މެޗުގައި، ފްރާންސް ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައެވެ. އެޓީމުން ރަނގަޅު ފުރުސަތެއް ހޯދަން ކުރި މަސައްކަތް ކާމިޔާބު ނުވި އިރު ދުރުން ފޮނުވާލި ހަމަލާތައް ވެސް ވަނީ ކާމިޔާބު ނުވެފައެވެ.
ޕެރަގުއޭ އިން މޮޅަށް ޑިފެންސް ކުރި މި މެޗުގައި ފްރާންސަށް ޕެނަލްޓީއެއް ލިބުނީ ޑިއޭގޯ ގޮމޭޒް އޭރިއާ ތެރެއިން ޑިޒިރޭ ޑޫއޭ އަށް ފައުލް ކޮށްގެންނެވެ. ރެފްރީ މި ޕެނަލްޓީ ދިނީ ވީއޭއާރު ރިވިއުއަށް ފަހުއެވެ.
ދެވަނަ ހާފުގެ ހައިޑްރޭޝަން ބްރޭކުގެ ކުޑަ އިރުކޮޅެއް ކުރިން މެޗުގެ 70 ވަނަ މިނިޓުގައި ފްރާންސްގެ ޕެނަލްޓީ ޖަހައިދިނީ ކިލިއަން އެމްބާޕޭ އެވެ.
މިއީ އޭނާ މި ވޯލްޑް ކަޕްގައި ޖެހި ހަތްވަނަ ލަނޑެވެ. އަދި ވޯލްޑް ކަޕްގެ ތާރީހުގައި އޭނާ މިހާތަނަށް ކުޅުނު 19 މެޗުން ކާމިޔާބު ކުރި 19 ވަނަ ގޯލެވެ. މި އަހަރުގެ ލަނޑު ލިސްޓުގައި އާޖެންޓީނާގެ ލިއޮނެލް މެސީ އާއެކު އެމްބާޕޭ އެންމެ ކުރީގައި އޮތް އިރު، ވޯލްޑް ކަޕްގެ އޯލް ޓައިމް ލަނޑު ލިސްޓުގައި އޭނާ މެސީއާ އެއްވަރު ކުރަން ބޭނުމީ އެންމެ ގޯލެކެވެ.
ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަވަނަ މިނިޓުގައި އެމްބާޕޭ ވަނީ ފުލުފުލުގައި ނުރައްކާތެރި ދެ ހަމަލާ ފޮނުވާލައިފަ އެވެ. ނަމަވެސް ޕެރަގުއޭގެ ގޯލްކީޕަރު އޯލެންޑޯ ހިލް ވަނީ ދެ ހަމަލާ ވެސް ދިފާއު ކޮށްފައެވެ.
މިއީ ފްރާންސް ޖެހިޖެހިގެން ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކުރި ހަތަރުވަނަ ފަހަރެވެ.



