ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންގެ ތެރެއިން ތެރަޕިއުޓިކް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް އެ ފަރުވާއާއި ގުޅޭ މަޢުލޫމާތު ސާފުކުރުމަށް ޚާއްޞަ ވަޓްސްއަޕް ނަންބަރެއް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން މިއަދު ގާއިމުކޮށްފިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވީ، ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ 58 ފަރާތަކުން އެންސްޕާގައި ރަޖިސްޓްރީ ކޮށްގެން މިހާރުވެސް ޚިދުމަތްތައް ހޯދަމުންދާ ކަމަށެވެ.
ނަމަވެސް އެ އިދާރާގެ ރަސްމީ ހޮޓްލައިން 1402 އަށް ގުޅުމުގައި އެ ފަރާތްތަކަށް އުނދަގޫތަކެއް ހުރުމުން، އައު ވަޓްސްއަޕް ނަމްބަރެއް މެދުވެރިކޮށް ލުއިފަސޭހަކަން ފޯރުކޮށްދިނުމަށް ނިންމީ ކަމަށް ޝިރުނާ ވިދާޅުވިއެވެ.
އެންސްޕާއިން އަލަށް ތަޢާރަފުކުރި 7291402 ނަމްބަރު މެދުވެރިކޮށް، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އާ ހަމައަށް ތެރަޕީތަކާ ގުޅޭ މަޢުލޫމާތު ސާފުކުރެވޭނެއެވެ. މި ނަމްބަރު މެދުވެރިކޮށް މައިގަނޑު ގޮތެއްގައި މަޢުލޫމާތު ދެމުންދާނީ ސްޕީޗް ތެރަޕީއާއި އޮކިއުޕޭޝަނަލް ތެރަޕީ ފަދަ އެކި ބާވަތުގެ ތެރަޕިއުޓިކް ފަރުވާތަކާ ގުޅޭގޮތުންނެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެންސްޕާގެ މައިގަނޑު އެއް މަސްއޫލިއްޔަތެވެ.
އާސަންދައިގެ ބޭރުން ސިއްޙީ އެކި ފަރުވާތަކަށް ބޭނުންވާ އެހީތެރިކަމާއި، ޢުމުރުން ދުވަސްވީ މީހުންނާއި، އެކަނިވެރި މައިންނާއި، އަދި ފަޤީރު ޙާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ އިދާރާއިން މުހިންމު ދައުރެއް އަދާކުރެއެވެ.




