ރާއްޖެއަށް ބާރުގަދަ ބިންހެލުމެއް އަންނާނެކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ އިންޒާރުގެ މެސެޖުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު މެސެޖުތަކެއް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.
މެޓުން ވިދާޅުވީ، ބިންހެލުންތައް ސައިންޓިފިކް ގޮތުން ކުރިއާލައި ދެނެގަނެވޭނެ އެއްވެސް ގޮތެއް އަދި މިހާތަނަށް ހޯދިފައި ނުވާކަމަށެވެ.
އަދި ބިންހެލުމެއް އަންނާނެ ސީދާ ވަގުތެއް، ތާރީޚެއް ނުވަތަ އަންނާނެ ސީދާ ތަނެއް ދެނެގަނެވޭނެ އެއްވެސް ސައިންޓިފިކް ވަސީލަތެއް ނެތްކަން އެ އިދާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ މެސެޖުގައި ބުނެފައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ ކައިރިއަށް 5.2 މެގްނިޓިއުޑްގެ ބާރުމިނުގައި ނުވަތަ އެއަށްވުރެ ބާރުގަދަ ބިންހެލުމެއް އަންނާނެކަމުގެ އިންޒާރު ލިބިފައިވާ ކަމަށެވެ. ނަމަވެސް މެޓުން ވިދާޅުވީ މިފަދަ މައުލޫމާތަކީ އެއްވެސް ސައިންޓިފިކް އަސާސެއްގެ މައްޗަށް ބިނާވެފައިވާ މައުލޫމާތެއް ނޫން ކަމަށެވެ.
އެ އިދާރާއިން އިތުރަށް ވިދާޅުވީ، ދިގު މުއްދަތަކަށް ބަލާއިރު ބިންހެލުންތައް އައުން ގާތް ސަރަޙައްދުތައް ސައިންސްވެރިންނަށް ކަނޑައެޅިދާނެ ކަމަށެވެ. މެޓުން ވަނީ އެ އިދާރާއިން އަބަދުވެސް ބިންހެލުންތަކުގެ މައުލޫމާތުތައް މެދުނުކެނޑި ބަލަމުންދާކަމުގެ ޔަގީންކަން ދެއްވާފައެވެ.
އަދި ރާއްޖެއަށް އެއްވެސް އަސަރެއް ކުރާފަދަ ކަމެއް ދިމާވެއްޖެނަމަ، އެ މަޢުލޫމާތު ލަސްނުކޮށް ރަސްމީ ވަސީލަތްތަކުން އާއްމުންނަށް ހިއްސާކުރަމުންދާނެ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.



