އަލްއުސްތާޒު އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 39 ވަނަ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިބަހުގެ އެކެޑަމީން މިއަދު ހުޅުވާލައިފިއެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ އަންނަ އޮގަސްޓު މަހުގެ 11 އިން 30 ގެ ނިޔަލަށެވެ.
މި އަހަރުގެ މުބާރާތް މައިގަނޑު ދެ ބަޔަކަށް ބެހިފައިވެ އެވެ. އެއީ ވާހަކަދެއްކުމުގެ ބަޔާއި ބަހުސްކުރުުމުގެ ބައެވެ.
ވާހަކަދެއްކުމުގެ ބައިގެ ތެރޭގައި ހިމެނެނީ:
- ސްކޫލުތަކުގެ ބައި: މީގެ ތެރޭގައި ދަށު ސާނަވީ ގިންތި (ކީ ސްޓޭޖް 3)، ސާނަވީ ގިންތި (ކީ ސްޓޭޖް 4) އަދި މަތީ ސާނަވީ ގިންތި (ކީ ސްޓޭޖް 5) ހިމެނެއެވެ.
- އަމިއްލަ ފަރާތްތަކުގެ ބައި: މީގެ ތެރޭގައި 18 އަހަރުން ދަށުގެ އުމުރުފުރާ އާއި 18 އަހަރުން މަތީގެ އުމުރުފުރާ ހިމެނެއެވެ.
ބަހުސްކުރުމުގެ ބައި ޚާއްޞަކޮށްފައިވަނީ 16 އަހަރުން މަތީގެ އުމުރުފުރާތަކަށެވެ. މި ބައިގައި ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތައް، ޖަމިއްޔާ ޖަމާއަތްތައް، ކުލަބުތައް، ޔުނިވަރސިޓީ، ކޮލެޖު އަދި އެކެޑަމީތަކުގެ ޓީމުތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ދިވެހިބަހުގެ އެކެޑަމީން ބުނީ މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އޮގަސްޓު 6 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އޮންލައިން ފޯމު ފުރިހަމަކުރަންޖެހޭނެ ކަމަށެވެ. މުބާރާތުގައި ވާހަކަދައްކާނެ މައުލޫތައް އާންމުކުރާނީ އެ އުމުރުފުރާއެއްގެ މުބާރާތް ފެށުމުގެ މަދުވެގެން 5 ދުވަސް ކުރިން ކަމަށްވެސް އެކެޑަމީން މައުލޫމާތުދެއެވެ.
މި މުބާރާތާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ، އެ ކަމަށް ކަނޑައެޅިފައިވާ ޚާއްޞަ ގޫގުލް ފޯމު މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މުބާރާތް ނިމޭ ދުވަހާ ވިދިގެން އަންނަ ދުވަހުގެ މެންދުރުފަހު 12:00 އެވެ.



