ވޯލްޑް ކަޕްގެ ގަދަ 16 ގައި ރޭގައި ޕޯޗުގަލްއާއި ސްޕެއިން ބައްދަލުކުރި ފޯރިގަދަ މެޗު، 1-0 އިން ސްޕެއިން ވަނީ ކާމިޔާބު ކޮށްފައެވެ.
މިއާއެކު ޕޯޗުގަލް ޓީމަށް ވެސް އަނބުރާ ޤައުމަށް ޖެހުނު އިރު، މި މެޗު ވެގެން ދިޔައީ ފުޓްބޯޅަ ލެޖެންޑު އަދި ޕޯޗުގަލް ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވޯލްޑް ކަޕްގައި ކުޅޭ އެންމެ ފަހު މެޗަށެވެ.
ސްޕެއިން މޮޅުވެފައިވަނީ ފަހު ވަގުތު ބަދަލު ކުޅުންތެރިޔާ މިކެލް މެރީނޯ ޖަހައިދިން ގޯލުންނެވެ.
ސްޕެއިން އަކީ އެންމެ ފަހުގެ ޔޫރޯ މުބާރާތުގެ ޗެމްޕިއަނުންނެވެ. އަދި އެންމެ ފަހުން އޮތް ޔޫއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ޕޯޗުގަލް ހޯދީ ފައިނަލްގައި ސްޕެއިންއާ ވާދަ ކޮށެވެ.
ދާދި ހަމަހަމަކޮށް ފެށި ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިންގެ ލަމީން ޔަމާލް އާއި އެލެކްސް ބައޭނާ ވަނީ ޕޯޗުގަލްގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ދެ ހަމަލާ ފޮނުވާލައިފަ އެވެ. ނަމަވެސް ޕޯޗުގަލްގެ ގޯލްކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ ހުށިޔާރުކަމާއެކު ދިފާއު ކޮށްފައެވެ.
ފުރަތަމަ ހާފުގެ ހައިޑްރޭޝަން ބްރޭކަށް ފަހު ޕޯޗުގަލް ވަނީ ކުޅުން ރަނގަޅުކޮށް ފުރުސަތުތަކެއް ހޯދަން މަސައްކަތް ކޮށްފަ އެވެ. އެގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ބޯޅައެއް ސްޕެއިންގެ ކީޕަރު އުނައި ސިމޮން ދިފާއު ކުރި އިރު، ނޫނޯ މެންޑޭޒްގެ ހަމަލާއެއް ސްޕެއިންގެ ޕެޑްރޯ ޕޯރޯ ބޮލުން ބްލޮކް ކުރަން މަސައްކަތް ކުރަނިކޮށް ވަނީ ހުރަސް ދިނޑިއަށް އަމާޒު ވެފައެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ޕޯޗުގަލްގެ އެޓޭކްތައް ވަރުގަދަކޮށް ފެނުނު ނަމަވެސް ފަހު 15 މިނިޓަށް ފެރާން ޓޮރޭޒް ކުޅެން ނުކުތުމާ އެކު ސްޕެއިނުން ވަނީ އެޓޭކްތައް ވަރުގަދަ ކޮށްފަ އެވެ. އޭނާ އަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބި ނާކާމިޔާބު ވެފައެވެ.
މެރީނޯ ގޯލު ޖެހީ ކުޅެން ނުކުތްތާ ހަ މިނިޓު ފަހުން، މެޗުގެ 90 މިނިޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަ މިނިޓުގެ ތެރޭން ފުރަތަމަ މިނިޓުތެރޭގަ އެވެ. އޭނާ ވަނީ ފެރާން ޓޮރޭޒް ދިން ތުރޫ ޕާސް ހޯދައި ގޯލަށް ފޮނުވާލައިފައެވެ.
އިތުރު ވަގުތުގެ ވެސް އެންމެ ފަހު މިނިޓުގައި ޕޯޗުގަލް ނަތީޖާ އެއްވަރު ކުރަން ކުރި މަސައްކަތުން ނުރައްކާތެރި ހަމަލާއެއް އުފެއްދި އެވެ. ނަމަވެސް ޔާއޯ ނެވޭސް ނަގައިދިން ބޯޅަ ބެނާޑޯ ސިލްވާ ބޮލުން ފޮނުވާލުމުން ދިޔައީ ގޯލުގެ ހުރަސް ދަނޑި ކައިރިން ބޭރަށެވެ.




