މާލޭ ނޯތު ހާބަރގެ ”އޭ ޒޯން“ގައި އޮޑިދޯނި ފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ލިބޭނެ ނިޒާމް ޤާއިމްކުުރުމަށް އެމްޕީއެލްއިން ކުރިއަށް ގެންދިޔަ މަސައްކަތްތައް ފުރިހަމަކުރުމަށްފަހު، އެ ޚިދުމަތް މިއަދު ފޯރުކޮށްދޭން ފަށައިފިއެވެ.
އެމްޕީއެލްއިން ބުނިގޮތުގައި، މީގެ ކުރިން ނޯތު ހާބަރުގެ ބޮޑުތަކުރުފާނު މަގާވީ ފަރާތް ނުވަތަ ”އޭ ޒޯން“ އިން ފެނާއި ކަރަންޓުގެ ޚިދުމަތެއް ނުލިބެއެވެ. އެ ސަރަހައްދުގައި މީގެ ކުރިން މި ޚިދުމަތްތައް ފޯރުކޮށްދެމުން އައީ ހަމައެކަނި ”ބީ ޒޯން“ އަދި ”ސީ ޒޯން“ އިންނެވެ.
މި ޚިދުމަތް ފުޅާކުރުމަކީ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ސެގްމަންޓް ނިމި، ހާބަރު ސަރަހައްދު އަލުން ހުޅުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވި އިރުޝާދުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެއްކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޕީއެލްއިން ބުނީ، މި މަސައްކަތްތައް އަމަލީގޮތުން ފަށާފައިވަނީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައި ކަމަށެވެ.
އަލަށް ގާއިމުކުރި މި ނިޒާމުގެ ދަށުން ”އޭ ޒޯން“ އިން އެއްފަހަރާ 48 އުޅަނދަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށާއި، އަދި ފެން ފޯރުކޮށްދިނުމަށްޓަކައި 16 ޕޮއިންޓެއް އެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ކަމަށް އެމްޕީއެލްއިން ބުންޏެވެ. މިއީ އެ ސަރަހައްދު ބޭނުންކުރާ އޮޑިދޯނިފަހަރަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހައެއްކަމަށް އެކުންފުނިން ބުންޏެވެ.
އެމްޕީއެލްއިން އިތުރަށް ބުނިގޮތުގައި، މި ނިޒާމު ގާއިމުކުރުމަށްޓަކައި މާލޭ ނޯތު ހާބަރާއި ކަމާގުޅުންހުރި ޑިޕާޓްމަންޓްތަކުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. މި ޚިދުމަތާއެކު މާލޭގެ ބަނދަރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.




