މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް މިހާތަނަށް 300 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހާމަކޮށްފިއެވެ.
މިއީ މިދިޔަ އަހަރުގެ އެކްސްޕޯގައި ބައިވެރިވި 240 ފަރާތާ އަޅާބަލާއިރު ބޮޑު ކުރިއެރުމެއް ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަތްތެރި މަސައްކަތްތެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ޑިޖިޓަލް އުފެއްދުންތެރިންގެ އިތުރުން އައު އީޖާދުތައް ކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ މަސައްކަތްތައް ދައްކާލުމަށް ބާއްވާ މުހިންމު މަޢުރަޒެކެވެ. މިއަހަރުގެ މަޢުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއެއްގައި އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މި މަޢުރަޒަކީ ދިވެހި އުފެއްދުންތެރިންގެ ހުނަރު ދައްކާލުމަށް ލިބޭ ރަނގަޅު ފުރުޞަތަކަށްވާއިރު، އެންމެ ފަހު ވަގުތަށް މަޑުނުކޮށް ވީހާވެސް އަވަހަށް ރަޖިސްޓްރީ ކުރުމަށް ބީސީސީ އިން ވަނީ އިލްތިމާސްކޮށްފައެވެ. މައުރަޒުގައި ބައިވެރިވުމަށް އެދި expo.mv ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ. ބައިވެރިވުމާ ގުޅޭ އުސޫލުތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.
މި މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު އުމުރުން 13 އަހަރުން މަތީގެ ދިވެހިންނަށާއި، ދިވެހި ވިޔަފާރިތަކަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ތައުލީމީ މުއައްސަސާތަކާއި، ކައުންސިލުތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރަކީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާތީ، ބީސީސީގެ އަމާޒަކީ މިއަހަރުގެ މަޢުރަޒަކީ ދިވެހި އުފެއްދުންތެރިންނަށް އެފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް މާކެޓު ކުރުމަށް ހުޅުވާލެވޭ އެންމެ ފަހި ފުރުޞަތަށް ހެދުމެވެ.
މިއަހަރުގެ މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރ މަހުގެ 23 އިން 31 އަށެވެ.




