އިންޑިއާގައި އަންހެނަކު އޭނާގެ ލޯބިވެރިޔާއާ ގުޅިގެން، ކައިބެނި ކުރަން އުޅުނު މީހާ މަރާލައިފިއެވެ.
ސިޔާ ގޯޔާލް ނަމަކަށް ކިޔާ އެ އަންހެންމީހާ ވަނީ އޭނާ ކައިވެނި ކުރަން އުޅުނު ކޭތަން އަގަރްވާލް، ޕޫނޭގެ ލޮހާގަޑްގައި ހުންނަ އުސް ކްލިފަކުން ވައްޓާލައި މަރާލާފައެވެ. އެކަން ސިޔާ ކުރީ އޭނާ ލޯބީގެ ގޮތުން ސިއްރުން ގުޅިގެން އުޅޭ ޗޭތަން ޗޯދަރީއާ ގުޅިގެންނެވެ.
ކޭތަން މަރާލުމަށްފަހު ސިޔާ ވަނީ، އޭނާ މަރުވީ ދެމީހުން އެކީގައި ފޮޓޯއެއް ނަގަން އުޅެނިކޮށް ކޭތަން ވެއްޓުނީ ކަމަށް ބުނެފައެވެ. ނަމަވެސް ތަހުގީގުތަކުން ފަހުން ހާމަވީ، ސިޔާއާއި ޗޭތަން ގުޅިގެން ކޭތަން މަރާލީ ކަމެވެ.
ސިޔާއާއި އޭނާގެ ލޯބިވެރިޔާވެސް މިހާރު ހައްޔަރުކޮށްފައިވާއިރު، އެ ދެމީހުންވެސް ވަނީ މި ކުށަށް މިހާރު އިއުތިރާފު ވެފައެވެ. ސިޔާ ބުނީ ކޭތަން މަރާލީ، މައިންބަފައިން ބުނެގެން ކުރަން އުޅުނު އެ ކައިވެންޏަށް ދެކޮޅު ހެދުމުންވެސް ކޭތަން ޤަބޫލު ނުމުރުމުން ކަމަށާއި ކޭތަންއަކީ ބޮލުގައި އިސްތަށިނެތް މީހަކަށްވެފައި ވިގެއް ޖަހައިގެން އުޅޭތީ ކަމަށެވެ.
މިއީ ދަރިންގެ ކައިވެނި މަޖުބޫރުން އެމީހަކު ހިތްނޭދޭ މީހާކާ ކުރަން އުޅުމުގެ ހިތި ނަތީޖާކަމަށް ބުނެފައިވާއިރު، ކޭތަން މަރާލުމުގެ ކުރިން ސޯޝަލް މީޑިއާގައި ސިޔާ ހިއްސާކުރި އެއްވެސް ވީޑިއޯއެއްގައި، އޭނާ ކޭތަންއާ ކައިވެނި ނުކުރަން ބުނިކަން ސާބިތުވާފަދަ ނިޝާނެއް ނެތެވެ. އެ ވީޑިއޯތަކުންނާއި ސިޔާގެ ސްޓޯރީތަކުން އަބަދުވެސް ފެންނަން ހުރީ ކޭތަން އާއެކީ އޭނާ އުޅުނީ ވަރަށް ލޯތްބާއި އުފަލުގައި ކަމެވެ.
މި މައްސަލައިގެ އިތުރު ތަހުގީގުތަކުން ފުލުހުންނަށް އެނގިފައިވަނީ، ކޭތަން މަރާލާނެ ގޮތްތައް ރާވަން ސިޔާ ސިއްރު ފޯނެއް ގެންގުޅުނު ކަމާއި އޭގެން އޭނާ ކުރީގެ މަރޑަރ ކޭސްތަކުގެ ވާހަކަތައް ވެސް ބަލާފައިވާ ކަމެވެ. އޭގެއިތުރުން ޖަލުގައި ފުލުހުން އަންހެން ކުށްވެރިންނަށް އަނިޔާކުރޭތޯ ވެސް އޭނާވަނީ ހޯދާފައެވެ. އެހެންކަމުން މިއީ އޭނާ ވަރަށް ތައްޔާރުވެގެން ކުރި ކުށެއްކަން ހެކިތަކުން ސާބިތުވެއެވެ.



