އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ހައުސިންގ ޔުނިޓުތަކެއް ތަރައްޤީ ކުރުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ޤައުމީ އެއަރލައިން މޯލްޑިވިއަން ހިންގާ އައިލޭންޑް އެވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްއެވެ.އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހެއިރެވެ.
މި ރަސްމިއްޔާތުގައި ދެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުމުގެ ދަށުން މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހައުސިންގ ޔުނިޓުތައް ތަރައްޤީ ކުރުމަށް ނިންމާފައިވީ ނަމަވެސް، މި މަޝްރޫޢާ ގުޅޭ އިތުރު ތަފްސީލީ މަޢުލޫމާތެއް ދެ ކުންފުނިން އަދި ހާމަކޮށްފައެއް ނުވެއެވެ.
އައިލޭންޑް އެވިއޭޝަނުން ވިދާޅުވީ، މި މަސައްކަތުގެ ސަބަބުން ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ. މުވައްޒަފުންގެ ލާބައަށް ކުރެވޭ މި މަސައްކަތުގެ އިތުރުން، ކުންފުނީގެ އައު އޮފީސް އިމާރާތުގެ ބިންގާވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ އަޅާފައެވެ. މި އޮފީސް އިމާރާތް ނިމުމުން، މިހާރު އެކި ތަންތަނުގައި ބަހާލެވިގެން ދެމުންދާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ބަދަލުވެގެންދާނެއެވެ.
ޗައިނާގެ ހުނާން ނަންބަރ 6 އިންޖިނިއަރިންގ ކުންފުންޏާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި އައު އޮފީސް އިމާރާތަކީ 4745 އަކަފޫޓުގެ ބިމެއްގައި ބިނާކުރާ އިމާރާތެކެވެ. ބޭސްމެންޓާއެކު ޖުމްލަ 12 ފަންގިފިލާ ހިމެނޭ މި އިމާރާތުގެ ބޭސްމެންޓް ޚާއްސަކޮށްފައިވަނީ މުވައްޒަފުންގެ ޕާކިންގއަށެވެ.
އަދި އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ޓިކެޓް އޮފީހެއް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.




