މާލޭގެ ކަނޑުމަސް މާރުކޭޓާއި ލޯކަލް މާރުކޭޓަކީ އަބަދުވެސް މީހުން ގިނަ، ހޫނުގަދަ އަދި ތޮއްޖެހުން ބޮޑު ތަނެކެވެ. ހާއްސަކޮށް މެންދުރުގެ ކެއްކުމަށް ތާޒާ މަހެއް ގަންނަން ނުވަތަ ބަދިގެއަށް ބޭނުންވާ ތަރުކާރީކޮޅު ހޯދަން މާރުކޭޓަށް ގޮސް، ކިއުގައި ހުރެ، މަސް ގަނެ، އެ ކޮށައި ނިމެންދެން ހޫނުގައި އިންތިޒާރު ކުރުމަކީ ގިނަ ބަޔަކަށް ބޮޑު ތަކުލީފެކެވެ.
ނަމަވެސް، މި ތަކުލީފުތަކަށް މިހާރު މިއޮތީ ވަރަށް ބޮޑު ލުޔެއް ލިބިފައެވެ. ގޭގައި ނުވަތަ މަސައްކަތު މާހައުލުގައި، ފިނި ކޮޓަރީގައި ހުރެގެން ފޯނުން ކޮށްލާ އޯޑަރަކުން، މާރުކޭޓުގެ ތާޒާ ކަނޑުމަހާއި ބޭނުންވާ ތަރުކާރީ ކޮށައި ސާފުކޮށްލުމަށްފަހު ގޭގެ ދޮރުމައްޗަށް ގެންގޮސްދޭނެ ހިދުމަތެއް މިހާރު ވަނީ ފަށާފައެވެ.
”ސައުވީސް އޮންލައިން“ އަށް މައުލޫމާތު ދެއްވަމުން ”މާރުކޭޓް“ ގެ ނަމުގައި ފެށި މި ހިދުމަތުގެ ފައުންޑަރ އަމްނު އަހްމަދު ވިދާޅުވީ، މި ހިދުމަތުގެ މައިގަނޑު މަގްސަދަކީ ދިރިއުޅުމުގެ ބުރަދަނާއި ވަގުތު ނެތުމުގެ ސަބަބުން މާރުކޭޓަށް ދާން އުނދަގޫވާ ރައްޔިތުންނަށް ފަސޭހަކޮށްދިނުން ކަމަށެވެ. މި ހިދުމަތް މެދުވެރިކޮށް ތާޒާ ކަނޑު މަސް ހޯދުމަށް ”މަސް މާރުކޭޓުން“ އަދި މޭވާއި ތަރުކާރީ ހޯދުމަށް ”ފެހި މާރުކޭޓުން“ ބޭނުންވާ އެއްޗެއް އޯޑަރު ކޮށްލެވޭނެއެވެ.

މި ހިދުމަތް މިހާރު ފެށިގެން ކުރިއަށްދާތާ ދެ މަސް ދުވަސް ވެފައިވާއިރު، އާންމުންގެ ފަރާތުން ލިބެމުންދާ ތަރުހީބު ވަރަށް ބޮޑުކަން އަމްނު ފާހަގަކުރެއްވިއެވެ. މާރުކޭޓުން ހެޔޮ އަގުގައި ތަކެތި ގަތުމަށްފަހު، ކުޑަ ޑެލިވަރީ ޗާޖަކާއެކު ގޭގެއަށް ފޯރުކޮށްދޭ މި ހިދުމަތް މިވަގުތު ދެމުންދަނީ މާލެ އަދި ހުޅުމާލޭގައެވެ.
ނަމަވެސް، މިއީ ހަމައެކަނި މާލެ ސަރަހައްދަށް ބޭނުންތެރި ހިދުމަތެއް ނޫންކަން ވިސްނައި، ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި އަތޮޅުތަކަށްވެސް މި ހިދުމަތް ފުޅާކުރުމަކީ އިސްކަންދޭ އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޯޑަރު ކުރާނީ ކިހިނެއް؟
° ”މާރުކޭޓް“ ހިދުމަތް މެދުވެރިކޮށް މަސް މާރުކޭޓުގެ ތާޒާ ކަނޑުމަހާއި، ލޯކަލް މާރުކޭޓުން ތަރުކާރީ އަދި މޭވާ ގަތުމަށް އޯޑަރު ކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ކަސްޓަމަރުންނަށް ފަސޭހައިން ބޭނުންވާ އެއްޗެހި ހަމަޖެއްސުމަށްޓަކައި ޕްރީ-އޯޑަރު (ކުރިއާލާ އޯޑަރު) ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.
° ފޯނުން ނުވަތަ ވައިބަރ/ވަޓްސްއެޕް: 9802653 ނަންބަރަށް ގުޅައިގެން ނުވަތަ މެސެޖުކޮށްގެން އޯޑަރު ކުރެވޭނެއެވެ.
° އިންސްޓަގްރާމް މެދުވެރިކޮށް: ”މަސް މާރުކޭޓް“ އަދި ”ފެހި މާރުކޭޓް“ ގެ ރަސްމީ އިންސްޓަގްރާމް ޕޭޖުތަކަށް މެސެޖުކޮށްލައިގެންވެސް އޯޑަރު ކުރިއަށް ގެންދެވޭނެއެވެ.

މާރުކޭޓުގެ ތޮއްޖެހުމުގެ ތެރެއަށް ނުގޮސް، ވަގުތު ސަލާމަތްކޮށް، ސާފުތާހިރުކަމާއެކު ބަދިގެއަށް ބޭނުންވާ ހުރިހާ ސާމާނެއް ހޯދުމަށް މިއީ ހަމަގައިމުވެސް މާލެގައި ދިރިއުޅޭ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ވަރަށް ބޮޑު އަދި އެހާމެ ބޭނުންތެރި ބަދަލެކެވެ.




