ފީފާ ވޯލްޑް ކަޕު 2026 ގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވަރުގަދަ ފްރާންސް 2-0 ގެ ނަތީޖާއަކުން ބަލިކޮށް، މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ސްޕެއިން ކަށަވަރު ކޮށްފިއެވެ.
އެމެރިކާގެ ޑެލާސް ސްޓޭޑިއަމްގައި ރާއްޖެ ގަޑިން ރޭ 00:00 ގައި ކުޅުނު މި ފޯރިގަދަ މެޗުގައި ސްޕެއިނުން ވަނީ މެޗުގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން، ފްރާންސްގެ ވަރުގަދަ އެޓޭކްތައް ހުއްޓުވުމުގައި ކާމިޔާބު ހޯދާފައެވެ.
މެޗު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ސްޕެއިނުން ވަނީ މެޗުގެ 22 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ލަނޑަކީ ފްރާންސްގެ އޭރިއާ ތެރެއިން ލަމީން ޔަމާލަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން މިކެލް އޮޔާރްޒަބާލް ކާމިޔާބުކުރި ލަނޑެކެވެ.
މި ލަނޑާއެކު ފްރާންސުން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތްތަކަށް އިތުރު ގޮންޖެހުމެއް އައީ ފުރަތަމަ ހާފުގައި އެޓީމުގެ މުހިންމު ޑިފެންޑަރު ވިލިއަމް ސަލީބާ އަނިޔާވެގެން ބަދަލުކުރަން ޖެހުމުންނެވެ.
ދެވަނަ ހާފު ފެށިގެން ސްޕެއިނުން އިތުރަށް ކުޅުން ރަނގަޅުކޮށް، 58 ވަނަ މިނެޓުގައި ދެވަނަ ލަނޑު ކާމިޔާބުކުރިއެވެ. ޑެނީ އޮލްމޯ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ޖަހައިދިނީ ޕެޑްރޯ ޕޯރޯއެވެ.
ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ އަދި ބްރެޑްލީ ބާކޯލާ އުފެއްދި ހަމަލާތައް ސްޕެއިންގެ ކީޕަރު އުނާއި ސިމޯން ވަނީ ދިފާއުކޮށްފައެވެ.
މުބާރާތުގެ ފައިނަލުގައި ސްޕެއިން ބައްދަލުކުރަން ޖެހޭނީ، ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާއި އިންގްލެންޑް މިރޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.




