ގިނަ މީހުންނަށް އޯޓިޒަމްއަކީ ހުންނަކަމެއްކަން ޤަބޫލު ކުރެވުނަސް، އެއީ ކިހާވަރެއްގެ ކަމެއްކަން ގިނަ ފަހަރަށް އެންމެންނަކަށް އިހުސާސެއް ނުކުރެވެއެވެ.
މިއީ ދާދިފަހުން މަޔަކު ހިއްސާކުރި، އޭނާއަށް ކުރެވުނު ހިތްދަތި ތަޖުރިބާގެ ވާހަކައެވެ. ސޯޝަލް މީޑިއާގައި އޭނާވަނީ މިވާހަކަ ވަރަށް ތަފްސީލުކޮށް ބަޔާން ކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހަކީ ރިޕޯޓު ފޮތް ދޭ ދުވަސް ކަމަށްވާތީ އޭނާގެ ދަރިފުޅު ގޮވައިގެން އެ ހަފްލާގައި ބައިވެރިވުމަށް ސްކޫލަށެވެ. އޭނާގެ ދަރިފުޅަކީ އޯޓިޒަމް ހުންނަ ކުއްޖެކެވެ. އަދި އެއީ އޭނާގެ ދަރިފުޅު އެފަދަ ހަފްލާއަކަށް ދިޔަ ފުރަތަމަ ފަހަރެވެ. އެހެންކަމުން ދަރިފުޅަށް ނަފްސާނީ ގޮތުން ވެދާނެ އުނދަގޫތަކަކަށް ތައްޔާރުވެގެން ހުރިކަމުގައި އޭނާ ބުންޏެވެ.
ދަރިފުޅުގެ ޓީޗަރުން ވަރަށް ރަނގަޅު ކަމަށާއި ދަރިފުޅުގެ ހާލަތު އެމީހުންނަށް ވަރަށް ރަނގަޅަށް އެނގޭކަމަށް ވެސް އޭނާ ބުންޏެވެ. އެހެންކަމުން ބޭނުންވެއްޖެ ހާލަތެއްގައި ނިކުތަސް އެންމެރަނގަޅު ކަމަށް އެ ޓީޗަރުން ބުނިކަމުގައި އޭނާ ބުންޏެވެ.
ހޯލުގެ އެތެރެއަށް ވަނުމުން އޭނާގެ ދަރިފުޅު ރޯން ފެށިއެވެ. އެހެންވެ އިރުކޮޅަކަށް ބޭރަށް ނިކުތުމަށްފަހު އަނެއްކާވެސް އެތެރެއަށް ވަނެވެ. ނަމަވެސް ދަރިފުޅު ބޭނުންވީ އެތަނުން ނުކުންނާށެވެ. އެހެންވެ ނުކުތުމަށްފަހު އަނެއްކާވެސް އިރުކޮޅަކުން އެތެރެއަށް ވަނެވެ. ދެން ދަރިފުޅު ބޭނުންވީ ސްޓޭޖަށް އަރާށެވެ. ސްޓޭޖަށް އަރާނީ ފަހުންނޭ މަޑުކޮށްލާށޭ ބުނުމުން ދަރިފުޅު ރޯން ފެށިއެވެ. އެވަގުތު އެމަންޒަރު ބަލަން އެތަނުގައި އިން އެހެން ބެލެނިވެރިއަކު ނުރުހުން ވެގެން މޫނަށް ގޮތެއް ހަދާފައި ”ޕިސް ޕިސް“ އޭ ބުންޏެވެ.
އެ ނާތަހުޒީބު އަމަލުގެ ސަބަބުން އެ ކުއްޖާގެ މަންމަގެ ހިތް ފަޅައިގެން ދިޔައެވެ. އަދި ވަގުތުން ދަރިފުޅު ގޮވައިގެން އެތަނުން ނުކުމެގެން ގެއަށް ދިޔައެވެ.
”އަހަންނަށް އުނދަގޫވަނީ އޯޓިޒަމް ކުއްޖަކަށްވީތީ އަހަރެންގެ ދަރިފުޅު ބެލުމެއް ނޫން، މިފަދައިން މީހުން ބުނާ ބަސްތައް. މީހުންނަށް މިކަން ނުވިސްނުން. އަަހަރެންގެ ދަރިފުޅަކީ ބަސްނާހާ ކުއްޖެއް ނޫން. ނަމަވެސް އެހެން ކުދިން ފަދައިން ގިނަ މީހުން ތިބޭ ތަންތަނުގައި ހަމަޖެހިގެން އިންނަން އެ ދަރިފުޅަށް ނޭނގެނީ“ އެ މަންމަ ބުނެފައިވެއެވެ.





3 Comments
ކޮންމެ މީހަކަށް ނޭނގޭނެދޯ ބަލާލާފަ އެއީ އޮޓިސްޓިކް ކުއްޖެކޭ ބުނާކަށް. އެހެންވީމަ އެހެން ވެސް ވެދާނެ.
އެކަމަކު އަސަލު މިހާރު އޮޓިސްޓިކް ކުދިންގެ ޙައްޤުތައް މާބޮޑު ހަމައަށް ތިބޭ ކުދިންގެ ޙައްޤުތަކަށް ވުރެއް. ކުލާހުގަ ކުދިންނަށް އަނިޔާކޮށް، ހޭނައްތާލާ އިރު ވެސަ ސްކޫލަކަށް ނުކެރޭ އެކުއްޖާ ދެން އެކުލާހަށް ނުވަދެވޭނޭ ބުނާކަށް. ޕޭރެންޓު އާދައިގެ ކުލާހުގަ ބައިންދަން ބޭނުންވާތީ ސަރުކާރުން އެގޮތަށް ކަންކުރަން އަންގާފައިޔޯ ވަނީ. ނުބައި އެއްޗިސް ވެސް އެވަރަށް ކިޔާ. އޮޓިސްޓިކް ވިޔަކަސް އެއީ ބަލައިގަނެވޭ ކަމެއް ނޫންދޯ؟ މިހާރު އަހަރެންގެ ދަރިފުޅާ އަވަލައިގެން ގޮސް ދަރިފުޅަށް ފުރުސަތެއް ނުދޭ އެހެން ކުއްޖަކާ ވާހަކަ ދައްކާ، ކުޅެ މަޖާކޮށްލާ ހަދާކަށް ވެސް. އެ ބުނާ އޮޓިސްޓިކް ކުއްޖާ ހިތްހަމަނުޖެހޭ ދަރިފުޅު އެހެން ކުދިންނާ އެކީ ކުޅެން އުޅެން. މިދިޔަ މަހު ވެސް ދަރިފުޅުގެ ފަތިގަނޑު ބިންދާލާފަ އަތަށް ހަރާލީ. ދަރިފުޅު ބިރުން ތެދުވީމަ މުޅި ކުލާސްތެރޭ ފަހަތުން ދުވީ. ލީޑިންގް ޓީޗަރ މާފަށް އެދިފަ ބުނީ އެކުއްޖާގެ ޕޭރެންޓަށް އެންގީމޯ. ދެން ހުންނަންވީ އަހަރުން ހެވިފަ.
ދެން ހުރި ދަރިފުޅު ސްކޫލަށް ދާން އަދި ކިރިޔާ ފެށީ. ސްކޫލަށް ނުދާން ގަދަހަދާތީ ސުވާލުކޮށް ހެދީމަ ކުދިންތަކެއްގެ ނަން ބުނެފަ ބުނީ އެކުދިން ދޮދޯ ކުރަނީ އޭ. ބެލިއިރު ޓީޗަރު މިހުންނަނީ ބުނަން ނުކެރިފައި އެއީ އޮޓިސްޓިކް ކުދިންނަށް ވާތީ. މިހާރު ދެން ވަރަށް ހިފަހައްޓައިގެންނޭ މިއުޅެނީ، ޓީޗަރު ބުނީ.
ބުނަން މިއުޅޭ ވާހަކައަކީ އޮޓިސްޓިކް ކުދިންގެ މައިންބަފައިން އެކަންޏެއް ނޫނޭ ހިތާމަ ކުރަންޖެހެނީ އެކުދިން އޮޓިސްޓިކް ވީމަ. ރަނގަޅަށް ތިބޭ ކުދިންގެ މައިންބަފައިން ވެސް އެކަމާ ހިތާމަކުރަން އެބަޖެހެއޭ. ދަރިންނަށް ނެތޭ ސްކޫލަށް ފޮނުވާއިރު އެއްވެސް ރައްކާތެރިކަމެއް. މިވާހަކަ ހިތަށްއެރި ސޯޝަލް މީޑިއާގަ ޖަހަންވެސް ކުލާހުގަ ދަރިފުޅަށް އަނިޔާކޮށް، ފަހާ ދުވީމަ. އެކަމަކު އެގޮތަށް އެއްޗެއް ބުނެލަން އަޅުގަނޑަށް ވެސް ނުކެރުނު، އޮޓިސްޓިކް ކުދިންގެ މައިންބަފައިންގެ ޙައްޤުތައް ވެސް މާބޮޑު ވީމަ. ދެން މިތަނުގައި މި ލިޔެލީ.
އޯޓިސްޓިކް ކުދިން ކިޔަވަން ސެންކުލާސް ހުންނާނެ. އޯޓިސްޓިކް ކުދިން ގެންގުޅެންވާނީ އެހެން ކުދިންނާއި އެކަހެރިކޮށް. އެހެން ނޫނީ ދެން ތިބޭ ބަޔަކަށް އަސަރު ކުރާނީ. މީ މަށަށް ފެންނަގޮތް
އޯޓިސްޓިކް ކުދިންގެ ގައިގަ ހެވީ މެޓަލްސް ހުންނަ މިންވަރު ގިނަކަމަށް ވަރަށް ފަހުން ދިރާސާއަކުން ދެއްކި، އަދި އެހެން ދިރާސާއަކުން ބަނޑުގައި ހުންނަ ލެކްޓޯބެސިލަސްގެ ވައްތަރުތަށް ވަރަށް މަދުކަމަށް ދެއްކި. އެހެންވީމަ މިދެކަންތަކަށް ފަރުވާކުރަނިކޮށް ރަނގަޅުވެދާނެ. ان شاء الله