މާލޭގެ ބޮޑުތަކުރުފާނު މަގުގައި އަލަށް ހަދައި ހުޅުވަން ތައްޔާރުވަމުން އަންނަ ސަރަހައްދުގައި ދިވެހި ރުއް މިއަދު އިންދައިފިއެވެ.
ބޮޑުތަކުރުފާނު މަގުން ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ފަށައިގެން ރަސްމީ ފާލަމާ ހަމައަށް މިހާރު ވަނީ ތާރުއަޅައި ނިންމައިފަ އެވެ. އެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، މަގު އާންމުންނަށް ހުޅުވާލުމަށް އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.
އެ ތައްޔާރީތަކުގެ ދަށުން ބޭރު މަގުގައި އެމްޓީސީސީން އަންނަނީ ދިވެހި ރުކާއި އެހެނިހެން ގަސްގަހާގެހި އިންދަމުންނެވެ.
މާލޭގެ މަގުތައް އަލުން ހަދާއިރު މަގުތަކުގައި ހުންނަ ގަސްތައް ނަގާ މައްސަލައިގައި އާންމުންގެ ފާޑުކިޔުން އަބަދުވެސް އަމާޒުވެ އެވެ. އަދި މަގުގައި އަލުން ގަސް އިންދާއިރު، ރާއްޖޭގެ މާހައުލާ ނުގުޅޭ ގަސްތައް އިންދާތީ އެކަމަށް ވެސް އާންމުންގެ ނުރުހުން އަމާޒުވެފައިވެ އެވެ.
ބޮޑުތަކުރުފާނުމަގުގެ ދެކުނު ފަރާތުގައި ތާރުއަޅައިގެން ހަދާފައިވާ ސަރަހައްދުގައި ދިވެހި ރުއް ނީންދައި ކަދުރު ރުއް އިންދުމުން ގިނަ ބަޔަކު އޭރު ފާޑުކިޔެ އެވެ.
މިހާރު ހަދަމުން ބޮޑުތަކުރުފާނުމަގުގެ އުތުރު ފަރާތުގައި ކުރިން ހުރި ހިރުނދު ގަސްތައް، އެ މަގު ހަދަން ނަގަން ފެށުމުން އެކަމަށް ވެސް އާންމުން ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ. އެތަނުން ނެގި ބައެއް ގަސްތައް ހުޅުމާލޭގައި އިންދިއިރު، ބައެއް ގަސްތައް ވަނީ އަލުން ހަމަ އެ މަގުގައި އިންދާފައެވެ.



