ބުލީ ކުރުމަކީ ޤާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް އެކުލަވާލާ ”އެންޓި ބުލީ ޤާނޫނު“އަށް ބޭރުގެ ލަފާ ހޯދަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެންޓި ބުލީގެ ޤާނޫނު އެކުލަވާލުމުގެ މަސައްކަތް އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައިވަނީ، މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ޕަލްސް ފޮޑްކާސްޓް ސީރީޒްގެ 5ވަނަ އެޕިސޯޓުގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ބުލީ ކުރުމާއި ދެކޮޅަށް ހަރުދަނާ ޤާނޫނީ ފިޔަވަޅުތަކެއް އަޅަން ކުރެވެންހުރި ކަންކަން ސަރުކާރުން ކުރަމުންދާ ކަމަށާއި، އެންޓިބުލީން ޤާނޫނަކީ އޭގެތެރޭގައި ހިމެނޭ މަސއްކަތެއް ކަމަށެވެ. އަދި އެ ޤާނޫނު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދަނީ ބުލީކުރުމާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ ފަންނީ މީހުންނާއި، ސްޓޭކް ހޯލްޑަރުންގެ މަޝްވަރާގެ މަތިންކަމަށް ރައީސް ވިދާޅުވިއެވެ.
”ބުލީގެ މައްސަލަތައް ހައްލުކުރުމަށް މުޖުތަމައުގެ އެހީތެރިކަން ބޭނުންވޭ. ވަށާޖެހޭ ޞިއްޙީ ދުޅަހެޔޮކަން ޤާއިމްކޮށް ނަފްސާނީގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރޭ.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ނަފްސާނީ ދުޅަހެޔޮކަން ހަރުދަނާ ކުރުމަށާއި، ނަފްސާނީ ފަރުވާ ހަރުދަނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިނަކީ، ފަރުވާގެ ނިޒާމް އާއްމުންނަށް ބަރޯސާވެވޭފަދަ ނިޒާމަކަށް ހެދުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާގެ އިންތިޒާމުތައް އާސަންދަ މެދުވެރިކޮށް ހަމަޖެހުމަކީ، އެފަދަ ހާލަތްތައް ތަހައްމަލު ކުރާ މީހުންނަށް ލިބުނު ލުޔެއްކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ހޮސްޕިޓަލުތަކުން ލިބޭ ނަފްސާނީ ފަރުވާގެ ޚިދުމަތްތައް ފުޅާކުރުމާއި، އައު މެންޓަލް ހެލްތު ފެސިލިޓީއެއްގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތްތަކުގެ ނަތީޖާ ރަނގަޅުވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނުވަނީ، ދެއްވާފައެވެ.



