މިނިވަން ދުވަހުގެ އުފަލުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ”ސައްބީސް ކާނިވަލް“ އަށް މިއަދުވެސް ގިނަ އަދަދެއްގެ އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
މިއަދަކީ މި ކާނިވަލް ކުރިއަށްދާތާ ތިންވަނަ ދުވަހެވެ.
އޮފިޝަން އިވެންޓްސްއާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ކުރިއަށްގެންދާ މި ކާނިވަލަކީ މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މާލެ ސަރަހައްދުގައި ބޭއްވޭ އެންމެ ކުލަގަދަ އެއް އިވެންޓެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ފެށި މި ކާނިވަލް މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އާ ހަމައަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ހަރަކާތަކީ އެކި އުމުރުފުރާތަކުގެ މީހުންނަށް އަމާޒުކޮށްގެން ތަފާތު ގިނަ ކަންތައްތަކެއް ހިމަނައިގެން އިންތިޒާމްކޮށްފައިވާ ކާނިވަލެކެވެ.
އެގޮތުން، ކާނިވަލުގެ ތެރެއިން ހޮރޯރ ހައުސް، ކާނިވަލް ގޭމްސް، ޑިޖިޓަލް ގޭމިން އެރީނާ، އަދި ކުޑަކުދިންނަށް ޚާއްސަ އެރިއާއެއް ވަނީ ގާއިމްކޮށްފައެވެ.

ލައިވް މިއުޒިކާއި ބޮޑުބެރުގެ ފޯރިގަދަ ހުށަހެޅުންތަކުގެ އިތުރުން ތަފާތު ކާބޯތަކެތި ވިއްކާ ފުޑް ސްޓޯލްތަކާއި އެކި ވިޔަފާރިތަކުގެ ސްޓޯލްތައްވެސް މި ކާނިވަލުގައި ހިމެނެއެވެ.



