ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ލަކުޑި ޖެޓީއަށް ލިބުނު ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
މި މަސައްކަތް ފަށާފައިވަނީ ހުޅުމާލޭ ފަޅުތެރެއަށް ވަން ބާޖަކުން ޖެހި ޖެޓީގެ އުތުރު ފާލަމަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެންނެވެ.
އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ބާޖުން ޖެހުމުގެ ސަބަބުން ލަކުޑި ޖެޓީގެ އޮނިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން، އެ ސަރަހައްދު ބޭނުންކުރާ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ފާލަން މިހާރު ވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ.

މި ޖެޓީއަކީ ގިނަ އަދަދެއްގެ ބަޔަކު ދުވަހުން ދުވަހަށް ބޭނުންކުރަމުންދާ މުހިންމު ތަނަކަށްވާތީ، މަރާމާތުގެ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމައި، ކުރު މުއްދަތެއްގެ ތެރޭގައި އަލުން ޚިދުމަތަށް ހުޅުވާލުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ޖެޓީ ބަންދުކޮށްފައިވާ މުއްދަތުގައި އާންމުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެޗްޑީސީން ވަނީ މާފަށް އެދިފައެވެ.

އެޗްޑީސީއިން ބުނީ އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް، އާންމު ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.



