ހުޅުމާލެ ދެ ފޭސް ގުޅޭ ބްރިޖް ސަރަހައްދުގައި ހިންދޫ ދީނުގެ އަޅުކަން ކުރަން އުޅުނު ނޭޕާލު އަންހެނަކު ހައްޔަރުކޮށްފިއެވެ.
އަންހެނަކު ހިންދޫ ދީނަށް އަޅުކަންކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މިދިޔަ މަހުގެ 25 ވަނަ ދުވަހު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ހޯދާ، އޭނާ ހައްޔަރު ކުރީ މިދިޔަ އަންގާރަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
ހައްޔަރުކޮށްފައިވަނީ ނޭޕާލަށް ނިސްބަތްވާ އުމުރުން 44 އަހަރުގެ އަންހެނެކެވެ.
ފުލުހުން ބުނީ އޭނާއަކީ 2024 ވަނަ އަހަރުން ފެށިގެން އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
އެއާއެކު މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު، އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް އޭނާ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.




