ކޮންގޯގައި މިހާތަނަށް 4،000 އަށް ވުރެ ގިނަ މީހުންނަށް އެބޯލާ ޖެހިއްޖެއެވެ.
ކޮންގޯ ސަރުކާރުން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ގައުމުގައި ހަލުވިކަމާއެކު ފެތުރެމުންދާ އެބޯލާގެ އައު ވައްތަރަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 4،053 އަށް އަރާފައެވެ. މި ބަލިމަޑުކަމުގައި މިހާތަނަށް 1،850 މީހުން މަރުވެފައިވާ ކަމަށް ރަސްމީ ހިސާބުތަކުން ދައްކައެވެ.
މަދުން ނޫނީ ނުފެންނަ ބުންޑިބުގިއޯ ވައިރަސް އެގައުމުގައި ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، މިދިޔަ މޭއި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކޮންގޯއިން ދަނީ މި ބައްޔާ ދެކޮޅަށް ބޮޑު ހަނގުރާމައެއް ކުރަމުންނެވެ. ސިއްހީ އޮފިޝަލުން ހާމަކުރި ގޮތުގައި މިހާތަނަށް 694 މީހުން އެކަހެރިކޮށްގެން ފަރުވާ ދެމުން އަންނައިރު، 793 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
މި ބަލިމަޑުކަމުގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ކޮންގޯގެ އިޓޫރީ ސަރަހައްދަށެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެބޯލާއަށް ފައްސިވާ މީހުންގެ ގާތްގަނޑަކަށް 90 އިންސައްތަ މީހުންނަކީ އެ ސަރަހައްދަށް ނިސްބަތްވާ މީހުންނެވެ. ސިއްހީ މާހިރުން ކަންބޮޑުވުން ފާޅުކުރާ ގޮތުގައި، ބަލި ފެތުރޭ މިންވަރު ހުރީ އޮފިޝަލުންނަށް ޓްރެކް ކުރެވޭ ވަރަށް ވުރެ މާ ބާރުމިނެއްގައެވެ.
ބަލި ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން ”ޕޭޝަންޓް ޒީރޯ“ ނުވަތަ އެންމެ ފުރަތަމަ ބަލި ޖެހުނު މީހާ އަދިވެސް ދެނެގަނެވިފައި ނުވާއިރު، ހަތިޔާރު އެޅި ހަމަނުޖެހުންތަކުގެ ސަބަބުން މީހުން ގެދޮރު ދޫކޮށް ދިއުމާއި ގަވާއިދާ ހިލާފަށް މައިން ކުރުމުގެ ސަބަބުން ބަލިޖެހިފައިވާ މީހުންނާ އެއްތާވި މީހުން ހޯދުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.
މީގެ އިތުރުން، ފައިސާގެ ދަތިކަމާއި، ސިއްހީ މަރުކަޒުތަކަށް ދެވޭ ހަމަލާތަކުގެ އިތުރުން ސިއްހީ މާހިރުންނަށް އާންމުން ކުރާ އިތުބާރު ކުޑަވުމަކީ ވެސް ބަލި ފެތުރުން ހުއްޓުވުމަށް އޮތް ހުރަހެކެވެ.
ނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފައިވަނީ ސެންޓްރަލް އެފްރިކާގެ ބޭރުން މި ބަލި ފެތުރުމުގެ ފުރުސަތު ކުޑަވުމާއެކު، ދުނިޔޭގެ އެހެން ބައްރުތަކަށް މި ބަލީގެ ނުރައްކާ އަދި ކުޑަ ކަމަށެވެ.




