ހަލާލް ޓޫރިޒަމް ހިމެނޭހެން ރާއްޖޭގެ އެކި ސަރަހައްދުތަކުން 15 ރަށަކާއި ފަޅެއްގައި ރިސޯޓު ތަރައްޤީކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައި އެކަން އިއުލާންކޮށްފިއެވެ.
މިއީ ފަހުގެ ތާރީޚެއްގައި އެއްފަހަރާ އެންމެ ގިނަ ބިންތަކެއް ފަތުރުވެރިކަމަށް ދޫކުރަން އިޢުލާންކުރި އެއް ފަހަރެވެ.
މި ބީލަންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ރާއްޖޭގައި އަލަށް ތައާރަފްކުރާ ހަލާލް ޓޫރިޒަމަށް ޚާއްސަ ކުރެވިފައިވާ ތިން ސަރަހައްދެވެ. އެއީ ހދ. މަަކުނުދޫ ފަރުން 200 ހެކްޓަރުގެ ފަޅަކާއި، ލ. ފޮނަގާދޫގެ 8.18 ހެކްޓަރުގެ ބިމެއްގެ އިތުރުން، ސ. ދޮންހެރައިގެ 10.23 ހެކްޓަރުގެ ސަރަހައްދެކެވެ.
ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފައިވާ ގޮތުގައި، މި ރަށްތަކުގައި ރިސޯޓު ހިންގަންވާނީ 50 އަހަރުގެ މުއްދަތަށް، އިސްލާމީ އުސޫލުތަކަށް ފުރިހަމައަށް ތަބާވާ ގޮތަށެވެ.
ހަލާލް ޓޫރިޒަމްގެ ދަށުން ތަރައްޤީކުރާ ރިސޯޓުތަކުގައި އޫރުމަހާއި ރާ ވިއްކުން މަނާވާނެއެވެ. އަދި ހަލާލް ސެޓްފިކެޓް ލިބިފައިވާ ކާބޯތަކެތި ފޯރުކޮށްދިނުމާއި، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ވެލްނެސް ޚިދުމަތްތައް ދިނުމުގެ އިތުރުން، މުވައްޒަފުންނަށާއި ފަތުރުވެރިންނަށް ވަކިން ދެ މިސްކިތް ބިނާކުރަން ޖެހެއެވެ.
މި ބުރުގައި އެންމެ ގިނަ އަދަދަކަށް ދޫކުރަން ނިންމާފައިވަނީ އުތުރުގެ އަތޮޅުތަކުން 10 ފަޅެވެ. މީގެ ތެރޭގައި ހއ. މާދުނި ފަރުން 3 ފަޅު، ހދ. މަަކުނުދޫ ފަރާއި މާފަރުން 4 ފަޅު، އަދި ށ. ގޮނާ ފަރުން 3 ފަޅު ހިމެނެއެވެ. މިއިން ކޮންމެ ފަޅަކީ 200 ހެކްޓަރުގެ ސަރަހައްދެއް ކަމަށާއި، މި ފަޅުތަކުގެ ލީސް އެކިއުޒިޝަން ކޮސްޓް އުޅެނީ 1.5 މިލިޔަން ޑޮލަރާއި 2.1 މިލިޔަން ޑޮލަރާ ދެމެދުގައެވެ.
ވަކިވަކި ރަށްތަކުގެ ގޮތުގައި ށ. ނަލަންދޫ އާއި ނ. ފަރުމުލިވެސް ވަނީ ބީލަމަށް ހުޅުވާލާފައެވެ. މީގެ ތެރެއިން 63.99 ހެކްޓަރުގެ ށ. ނަލަންދޫއަކީ މި ބުރުގައި އެންމެ އަގުބޮޑުކޮށް ހުޅުވާލި ސަރަހައްދެވެ. މި ރަށަށް ބިޑު ކުރާ ފަރާތްތަކުގެ މާލީ ގާބިލުކަން 10 މިލިޔަން ޑޮލަރަށް ހުންނަން ޖެހޭނެއެވެ. ނ. ފަރުމުލީގެ ލީސް އެކިއުޒިޝަން ކޮސްޓަކީ 2.25 މިލިޔަން ޑޮލަރެވެ.
މި ހުރިހާ މަޝްރޫއުތަކަކަށްވެސް ބިން ހިއްކައިގެން ރިސޯޓު ތަރައްގީކުރުމުގެ ފުރުސަތު އޮންނާނެއެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިތަކަކީ ނޮވެމްބަރު 17 އިން 23 އާ ދެމެދުގެ ތާރީޚުތަކެވެ. ޝައުގުވެރިވާ ފަރާތްތަކަށް ޕްރީ-ބިޑް މީޓިންތައް ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަހު އޮންލައިންކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ހަލާލް ޓޫރިޒަމް މަޝްރޫއުތަކަށް ކުރިމަތިލާ ފަރާތްތަކަށް އާންމު ރިސޯޓުތަކަށް އިމްޕޯޓް ޑިއުޓީން %15 އިނާޔަތް ލިބޭއިރު، ހަލާލް ޓޫރިޒަމް މަޝްރޫއުތަކަށް %20 ގެ އިނާޔަތެއް ލިބޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.




