މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤު އިސްކުރުމަށް އިސްލާމް ދީން ބާރުއަޅާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”މަޑުމައިތިރިކަން“ މި މައުޞޫޢަށް މިއަދު ދިން ހުތުބާގައި ބުނީ، އިސްލާމްދީނަކީ ހަމައެކަނި އަޅުކަމުގެ ދީނެއް ނޫން ކަމަށާއި، ދޭދޭ ފަރުދުންނާއި ޖަމާޢަތުގެ މެދުގައި މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤު އިސްކުރުމަށް މި ދީން ބާރުއަޅާ ކަމަށެވެ.
ހުތުބާގައި ފާހަގަކުރި ގޮތުގައި، މިއަދު ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ނަމާދާއި، ރޯދައާއި، ޙައްޖާއި، ޒަކާތް ފަދަ އަޅުކަންތައް އަދާކުރުމުން ދީން ފުރިހަމަވީ ކަމަށެވެ. ނަމަވެސް، ފަރުޟުތަކާއި ސުންނަތްތަކަށް ރައްކާތެރިވާ ބައެއް މީހުންގެ ކިބައިން ވެސް މީސްތަކުންނާ މުޢާމަލާތުކުރުމުގައި ހަރުކަށިކަމާއި، ދޫނުދިނުމާއި، އެހެން މީހުންގެ ކުށްތަކަށް މަޢާފުނުކުރުން ފަދަ ނުބައި ސިފަތައް ފެންނަމުންދާ ކަމަށް ހުތުބާގައި ބުންޏެވެ.
މުސްލިމުން ނަމޫނާއަކަށް ބަލަންޖެހޭނީ ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ ގެ މާތް އަޚުލާޤުފުޅު ކަމަށް ހުތުބާގައި ބުންޏެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ އަހުލުވެރީންނާއި، އަޞްޙާބުންނާއި، އަވަށްޓެރީންގެ އިތުރުން ދުޝްމަނުންނާ މުޢާމަލާތުކުރެއްވުމުގައި ވެސް ގެންގުޅުއްވީ މަޑުމައިތިރިކަމާއި އޯގާވެރިކަމެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ، ”ހަމަކަށަވަރުން، اللهގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއް ވެއެވެ.“
އޯގާތެރިކަމަކީ މާތް ﷲ ލޯބިވެވޮޑިގަންނަވާ ސިފައެއްކަން ބަޔާންކުރަމުން ހުތުބާގައި ބުނީ، ﷲ އީ އޯގާވަންތަ ރަސްކަލާނގެ ކަމަށާއި، ހަރުކަށިކަމާއި ގަދަބަދަވިކަމަށް ނުދެއްވާ ސަވާބާއި ދަރުމަ، އޯގާތެރިކަމާއި މަޑުމައިތިރިކަމަށް ދެއްވާ ކަމަށެވެ. އަދި ފިރުޢައުނު ފަދަ ބޮޑެތި އަނިޔާވެރިންގެ ގާތަށް ރަސޫލުން ފޮނުއްވިއިރު ވެސް، މާތް ﷲ އަމުރުކުރެއްވީ މަޑުމައިތިރި ބަހުން ވާހަކަ ދެއްކެވުމަށް ކަމަށް ހުތުބާގައި ހަނދާންކޮށްދިނެވެ.
ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމްދީން ފެތުރުނީ އެ ދީނުގެ އަހުލުވެރީންގެ ރިވެތި އަޚުލާޤާއި ހެޔޮ މުޢާމަލާތުގެ ސަބަބުން ކަމަށް ހުތުބާގައި ފާހަގަކުރިއެވެ. މިސާލެއްގެ ގޮތުން ثُـمَامَةُ بْنُ أُثَال رَضِيَ اللّٰهُ عَنْهُ އިސްލާމްވި ޙާދިޘާ ހުތުބާގައި ބަޔާންކުރިއެވެ. އޭނާ އިސްލާމްވީ ރަސޫލާ ﷺ ގެ އޯގާތެރިކަމާއި މަޑުމައިތިރި މުޢާމަލާތުގެ ސަބަބުން ކަމަށް އޭނާ އަމިއްލައަށް އިޢުލާނުކުރެއްވި ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާ ނިންމާލަމުން ބުނީ، ޙަޤީޤީ މުސްލިމަކީ އޭނާގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާ ކަމަށެވެ. އަދި ނަރަކަ ޙަރާމްކުރެއްވިގެންވަނީ މީސްތަކުންނަށް އޯގާތެރި، މަޑުމައިތިރި، އަދި މުޢާމަލާތުކުރަން ފަސޭހަ މީހުންނަށް ކަމަށާއި، ހަރުކަށި، ބޮޑާ އަދި ކިބުރުވެރި މީހުންނަކީ ނަރަކައިގެ އަހުލުވެރިން ކަމަށް ރަސޫލާގެ ޙަދީޘްފުޅުތަކުން އެނގޭ ކަމަށް ހުތުބާގައި ބުންޏެވެ.



