އިނގިރޭސިވިލާތުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައަކާ ގާތްވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް އެ ގައުމުން ރާއްޖެއަށް 99,286 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.
އިނގިރޭސިވިލާތަކީ މިވަގުތު ރާއްޖެއަށް ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. ނަމަވެސް، މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ގައުމުން ޒިޔާރަތްކުރި 122,913 ފަތުރުވެރިންނާ އަޅާބަލާއިރު، މިއީ 19 އިންސައްތައިގެ ދަށްވުމެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރު މުޅި ޖުމްލަ 201,797 ފަތުރުވެރިން އިނގިރޭސިވިލާތުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ފަސް ގައުމުގެ ލިސްޓަށް ބަލާއިރު، އެއްވަނައިގައި އޮތީ ޗައިނާއެވެ. އެ ގައުމުން 224,107 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައިގައި އޮތް ރަޝިއާއިން 183,969 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ތިންވަނައިގައި އިނގިރޭސިވިލާތް އޮތްއިރު، ހަތަރުވަނައިގައި އޮތް އިޓަލީވިލާތުން 81,144 ފަތުރުވެރިން އަދި ފަސްވަނައިގައި އޮތް ޖަރުމަނުވިލާތުން 78,046 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.5 އިންސައްތައިގެ ދަށްވުމެކެވެ. މީގެ ތެރެއިން 1,265,783 ފަތުރުވެރިން ވައިގެ މަގުން ޒިޔާރަތްކޮށްފައިވާއިރު، ކަނޑުމަގުން ޒިޔާރަތްކޮށްފައިވަނީ 15,577 ފަތުރުވެރިންނެވެ.
ފަތުރުވެރިން ޗުއްޓީ ހޭދަކުރި ތަންތަނަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެއީ 917,305 ފަތުރުވެރިންނެވެ. މީގެ އިތުރުން ގެސްޓުހައުސްތަކުގައި 281,633 ފަތުރުވެރިން، ހޮޓެލްތަކުގައި 29,852 ފަތުރުވެރިން އަދި ސަފާރީތަކުގައި 23,729 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.




