މާލޭގައި އަލަށް ތަރައްޤީކުރާ ވަޤްފު އިމާރާތްކަމަށްވާ ”ދާރުލްއަރްޤަމް”ގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި އިމާރާތުގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނިގޮތުގައި، ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 12 ފަންގިފިލާގެ އިމާރާތެކެވެ.

މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ މުއްދަތަކަށެވެ. މި މަޝްރޫޢަށް ޖުމްލަ 39.4 މިލިޔަން ރުފިޔާ ޚަރަދުވާއިރު، މީގެ ފަންޑިންގ ހަމަޖައްސާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ފައިނޭންސިންގ މެދުވެރިކޮށެވެ.
މި އިމާރާތުގެ ފަރުމާގައި ހިމެނެނީ ބޭސްމަންޓާއި ގްރައުންޑް ފްލޯގައި ޕާކިންގ ހަމަޖެއްސުމާއި، ފުރަތަމަ ފަންގިފިލާގައި ރިސެޕްޝަނެއް އަދި ދެވަނަ ފަންގިފިލާގައި ކޮންފަރެންސް ހޯލެއް ޤާއިމްކުރުމެވެ. ދެން ހުރި ފަންގިފިލާތަކުގައި ޒަމާނީ އޮފީސް ބައިތަކާއި، މީޓިންގ ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރި ހުންނާނެއެވެ. މީގެ އިތުރުން ރޫފްޓޮޕްގައި އޯޕަން ޓެރަސްއެއް ހުންނާނެ ކަމަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ އިންތިޒާމްތައް ޤާއިމްކުރެވޭނެ ކަމަށް އެމިނިސްޓްރީން ބުނެއެވެ.

އިމާރާތުން އަހަރަކު 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވޭއިރު އާމްދަނީގެ %20 ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި އާމްދަނީގެ %80 އިސްލާމިކް ވަޤުފް ފަންޑަށް ޖަމާކުރާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ވަޤުފް ފަންޑު ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ހޯދުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މީގެ އިތުރުން ހުޅުމާލެއާއި މާލޭގައި އިތުރު ވަޤުފް އިމާރާތްތަކެއް އެޅުމަށް ހަމަޖެހިފައިވާއިރު، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ގއ. ވިލިނގިލީގައިވެސް ވަޤުފް މަޝްރޫޢުތައް ފެށުމަށް ވަނީ ނިންމަފާއެވެ.




