ކްރޫޒްލައިނަރތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި އަހަރުގެ މިހާތަނަށް ކްރޫޒްލައިނަރތަކުން ރާއްޖެއަށް 15،500 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ކްރޫޒްލައިނަރތަކުން ޖުމްލަ 15،577 ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 8،263 ފަތުރުވެރިންނާ އަޅާބަލާއިރު 89 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
މި އަހަރުގެ ތެރޭގައި ކްރޫޒްލައިނަރތަކުން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ފެބްރުއަރީ މަހުއެވެ. އެ މަހު 5،237 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ 4،049 ފަތުރުވެރިންނާއެކު މާރޗް މަހުއެވެ. އަދި އޭޕްރިލް މަހު 3،457 ފަތުރުވެރިން ވަނީ ކްރޫޒްލައިނަރތަކުގައި ރާއްޖެއަށް އައިސްފައެވެ.
ކްރޫޒްލައިނަރތަކުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރޭގައި އެންމެ ގިނައީ ފްރާންސްގެ ފަތުރުވެރިންނެވެ. ފްރާންސުން ރާއްޖެއަށް ޒިޔާރަތްކުރި 31،508 ފަތުރުވެރިންގެ ތެރެއިން 5.4 އިންސައްތަ ފަތުރުވެރިންނަކީ ކްރޫޒްލައިނަރތަކުން އައި ފަތުރުވެރިންކަން ފާހަގަކުރެވެއެވެ.
މުޅި ޖުމްލަ ފަތުރުވެރިކަމަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެކެވެ.
މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ގައުމުތަކުގެ އެއްވަނައިގައި އޮތީ ޗައިނާއެވެ. އެ ގައުމުން 213،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.




