ކ. ހިންމަފުށީގައި ހުންނަ ޑްރަގު ރިހިބިލިޓޭޝަން ސެންޓަރުން ފަރުވާ ހޯދުމުގައި މައްސަލަތަކެއް ހުރިކަމުގެ ކަންބޮޑުވުންތަކާއެކު އެތަނުގެ ހާލަތު ސާފުކޮށްދެއްވުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިއަދު ހުށަހަޅުއްވައިފިއެވެ.
އެ މައުލޫމާތު ހޯދުމަށް މެންބަރު މުހައްމަދު އިބްރާހިމް މިއަދު ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންއަށް ވަނީ ސިޓީއެއް ފޮނުއްވާފައެވެ.
މެންބަރު މުހައްމަދު އިބްރާހިމް ފޮނުއްވި ސިޓީ މަޖިލިސް ވެބްސައިޓުގައި މިހާރު އާންމުކޮށްފައިވާއިރު އެ ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ ހިންމަފުށީ ޑްރަގު ރިހިބިލިޓޭޝަން ސެންޓަރުގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން އެތަނުން ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެ އާއިލާތައް އަދި ކަމާ ބެހޭ ފަރާތްތަކުން ވެސް ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.
އެގޮތުން އޭނާ ވަނީ އެތަނުގެ ނިޒާމީ މައްސަލަތަކުގެ ސަބަބުން ފަރުވާ ހޯދާ ފަރާތްތަކުގެ ރައްކާތެރިކަމާއި އިންސާނީ ކަރާމާތުގެ އިތުރުން އަލުން މުޖުތަމައަށް ނުކުތުމަށް ކުރާ މަސައްކަތުގައި ބޮޑެތި ކަންބޮޑުވުންތައް އެ ފަރާތްތަކުގެ އެބަހުރިކަން ފާހަގަ ކުރައްވާފައެވެ.
އެހެންވެ، އެތަނުގެ ހާލަތާ ގުޅޭ މައިގަނޑު އަށް ކަމެއްގެ މައުލޫމާތު ސާފު ކުރުމަށް މެންވަނީ އެދިލައްވާފައެވެ.
”މަސްތުވާތަކެއްޗާބޭހޭ ގާނޫނާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކަށް ބަލާއިރު، ފަރުވާ ބޭނުންވެގެން އަންނަ ކޮންމެ މީހަކަށްމެ ރައްކާތެރި، އިންސާނީ ކަރާމާތް ހިމާޔާތްކުރެވިފައިވާ އަދި ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ފަރުވާއެއް ލިބުމަކީ ހައްގެއް“ އެ އަސާސީ މިންގަނޑުތަކުން މަހްރޫމްކުރުމަކީ ފަރުވާގެ ނަތީޖާ ގެއްލި، އަލުން އެ ވަބާގެ ތެރެއަށް މީހާ ދިޔުމަށް އޮތް މަގެއްގެ ގޮތުގައި ފާހަގުރައްވައި އެ ސިޓީގައި މެންބަރު ވިދާޅުވިއެވެ.



