އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށާއި ވޯޓް ކަރުދާހުގައި އެމަނިކުފާނުގެ ނަން އޮންނާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ސަންގު ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.
އެގޮތުން ރައީސް ޔާމީން ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވުނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ޖަލަށްލައި އެ ފުރުސަތު އެމަނިކުފާނަށް ގެއްލުވާލުމުން ކަމަށެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެހެން ހައްދަވަން ކެރިވަޑައިގަންނަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
“ އެކަމަކު މުއިއްޒު ކުރައްވާނެ ކަމަށް އަޅުގަނޑަށް ގަބޫލުނުކުރެވޭތީ މިހެން މި ދެންނެވީ. އެހެންވީމާ އަޅުގަނޑު ގަބޫލުކުރަނީ އިރާދަކުރެއްވިއްޔާ ހަމަ 2028ގައި ވޯޓު ކަރުދާހުގައި އަޅުގަނޑުގެ ނަން އޮންނާނެ ކަމަށް“ ރައީސް ޔާމީން ވިދާޅުވިއެވެ.
ސަރުކާރުގެ ބައެއް ކަންކަމަށާއި ވެރިކަންކުރާ ޕީއެންސީ ދައްކާ ބައެއް ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ 2028ގެ އިންތިހާބު ކާމިޔާބުކުރެއްވޭވަރާ ގާތަށް ވެސް ވޯޓު ނުލިބޭނެކަން ރައީސް މުޢިއްޒަށް ވެސް މިހާރު ގަބޫލުކުރައްވާނެ ކަމަށެވެ. މި ސަރުކާރުގައި ކުރިމަތިވި ކޮންމެ އިންތިހާބަކުން ވެސް ރައްޔިތުން ދައްކަމުންދަނީ މި ސަރުކާރާމެދު އޮތް ހިތްހަމަނުޖެހުންތައް ކަމުން އެކަން ވަރަށް ބޮޑަށް ޔަގީންވާ ކަމަށް ވެސް ޔާމީން ރޭގައި ވިދާޅުވިއެވެ.




