ސަޕްލައި ދޯންޏަކުން މީހުން ސަލާމަތްކުރަން އުޅެނިކޮށް ގެއްލުނު މީހުން ހޯދުމަށް ވައިގެ މަގުން 5،212 ނޯޓިކަލް މޭލުގެ ސަރަހައްދެއް މިހާރު ބަލާފައިވާ ކަމަށާއި ނަމަވެސް އަދިވެސް އެ މީހުން ނުފެންނަ ކަމަށް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެ ހާދިސާ ހިނގާފައިވަނީ ”ފްރެންޑް 4“ ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ތ. މަޑިފުށިން ފުރައި، ތިލަފުށިން ހިލަ އާއި ހިލަވެލި ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް އަޑިއަށްގޮސްގެން، މި މަހުގެ 5 ވީ ބުދަ ދުވަހުއެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި އެ ހާދިސާ ހިނގިއިރު ދޯނީގައި އަށް މީހަކު ތިއްބެވެ. އޭގެ ތެރެއިން ހަތް މީހަކު ވަނީ ސަލާމަތް ކޮށްފައެވެ.
ގެއްލިގެން ހޯދަމުން ދަނީ އެ ދޯނީގެ ކައްޕިކަމަށްވާ ތ. މަޑިފުއްޓަށް އުފަން، އުމުރުން 35 އަހަރުގެ މުހައްމަދު ހަމްދޫން އާއި ދޯނީގައި ތިބި މީހުން ސަލާމަތް ކުރަން ހަރަކާތްތެރިވި ނ. މަނަދުއަށް ނިސްބަތްވާ، 33 އަހަރުގެ ސާޖަންޓް އަލީ ނާފިއުއާއި އެމްއެންޑީއެފްގެ 39 އަހަަރުގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދު އެވެ.
އެ މީހުން ގެއްލުނުތާ މިއަދަށް ތިން ދުވަސްވާއިރު، އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް ވައިގެ މަގުން 5،212 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 1،070.10 ނޯޓިކަލް މޭލު ސަރަހައްދެއް މިހާރު ބަލާފައިވާ ކަމަށެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު މީހުން ފެނިފައިނުވާ ކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެެވެ.



