ޕީއެންސީގެ ކޮންގްރެސްއާއެކު 2028 ކާމިޔާބުކުރުމުގެ ބިންގާ ވަރުގަދަ ވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ޕީއެންސީގެ އަމާޒު މިވަގުތު ހުރީ ރައްޔިތުންނަށް ފައިދާހުރި ކާމިޔާބު ވެރިކަމެއް ކޮށްދިނުމުގެ މައްޗަށެވެ.
އިޤްތިސާދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ޤައުމު ނާޒުކު ފައްތަރެއްގައި ވަނިކޮށް ވެރިކަމާ ހަވާލުވެވަޑައިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ޤައުމު ސަލާމަތްކުރެއްވުމަށްޓަކައި ލާމަސީލު މަސައްކަތްޕުޅުތަކެއް ކުރައްވަމުންކަމަށް ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން، މި ފަސް އަހަރުގެ ރިޔާސީ ދައުރު ވެގެންދާނީ ދިވެހި ތާރީޚުގައި ވެސް އެންމެ ގިނަ ތަރައްޤީގެ މަޝްރޫޢުތައް ހިންގޭނެ ދައުރުކަމުގެ ޔަޤީންކަން މިނިސްޓަރު ސައީދު ދެއްވިއެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ކާމިޔާބީތަކާ އެކު ޕާޓީގެ އެތެރޭގެ އިންތިޒާމުތައް ވަރުގަދަކުރެވި، ޕާޓީގެ އިސް ސަފާއި އާންމު މެންބަރުންގެ ތަޖުރިބާގެ އަލީގައި 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ކުރިމަތިލާއިރު ޕީއެންސީ ފެންނާނީ ގުޅުން ބަދަހި، ވަރުގަދަ ލަޝްކަރެއްގެ ގޮތުގައި ކަމަށެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގައި މިހާތަނަށް ފެނިގެންދާނެ އެންމެ ބޮޑު ކޮންގްރެސްގެ ގޮތުގައި ސިފަކުރައްވާ މި ބައްދަލުވުމުގައި 1،100 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެއެވެ. މި ކޮންގްރެސްގައި ޕީއެންސީގެ އިސް މަޤާމުތަކަށް، ހާއްސަކޮށް ނައިބު ރައީސުންނާއި އެކިއެކި ދާއިރާތަކުގެ ވެރިންގެ އިތުރުން ޕާޓީގެ މެންބަރުންގެ މަޖިލީހަށް ބޭފުޅުން އިންތިޚާބުކުރުން ކުރިއަށްދާނެކަމަށް އެނގިފައިވެއެވެ.



