ހުޅުމާލޭ ހޮސްޕިޓަލުގެ މުވައްޒަފަކާ ގުޅޭގޮތުން ފަތުރަމުން ދަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި ކަށަވަރު ނުވާ މައުލޫމާތު ނުފެތުރުމަށް އެ ހޮސްޕިޓަލުން އިލްތިމާސް ކޮށްފިއެވެ.
ހުޅުމާލޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަ މީހަކަށް އެ ހޮސްޕިޓަލުގެ ޑޮކްޓަރަކު ޖިންސީ ގޯނާ ކުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ބަޔަކު ވަނީ ތުހުމަތު ކޮށްފައެވެ.
އެ ތުހުމަތުތަކާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތަކީވެސް ބަލި މީހުންގެ ރައްކާތެރިކަމާއި ކަރާމާތާއި އަމިއްލަ މިނިވަންކަމުގެ އިތުރުން އިތުބާރު ދެމެހެއްޓުމަށް އިސްކަންދީގެން ދޭ ހިދުމަތްތަކެއް ކަމުގެ ޔަގީންކަންދޭ ކަމަށެވެ.
މީގެއިތުރުން ބަލިމީހުން ހުށަހަޅާ ކޮންމެ މައްސަލައަކީ ވެސް އެ ހޮސްޕިޓަލުން ވަރަށް ސީރިއަސްކޮށް ބަލާ މައްސަލަތަކެއް ކަމަށާއި އެފަދަ މައްސަލަތަކާ ގުޅިގެން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ފަންނީ މިންގަނޑުތަކުގެ އިތުރުން އަމަލުކުރަންޖެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
”ދައުލަތުގެ ސިއްހީ ޚިދުމަތް ދޭ މުއައްސަސާއަކަށްވުމުން، ބަލިމީހުންނާއި މުވައްޒަފުންގެ އަމިއްލަ މައުލޫމާތާއި ސިއްރުތައް ހިފެހެއްޓުމަކީ، ކަނޑައެޅިފައިވާ ޤާނޫނުތަކާ ޤަވާއިދުތަކާ އެއްގޮތަށް މި ހޮސްޕިޓަލުގެ ފަރާތުން ކަށަވަރު ކުރާނެ ކަމެއް. ހޮސްޕިޓަލާއި ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭގޮތުން ހަގީގަތް ބެލުމެއް ނެތި ފަތުރާ މައުލޫމާތުތަކުގެ ސަބަބުން ޚިދުމަތް ހޯދާ ފަރާތްތަކާއި، ސިއްހީ ޚިދުމަތްތެރިން އަދި އެފަރާތުގެ އާއިލާތަކަށް ނަފްސާނީ ނުތަނަވަސްކަން ލިބި ސިއްހީ ޚިދުމަތްތަކަށް އޮންނަ އިތުބާރު ގެއްލިގެން ދިޔުމަކީ މި ހޮސްޕިޓަލުން ނުހަނު ކަންބޮޑުވާ ކަމެއް. އަދި މިފަދަ އަމަލުތަކުގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތިވިޔަ ނުދިނުމަށް، ކަށަވަރު ނުވާ ހަގީގަތާ ޚިލާފު މައުލޫމާތުތައް ނުފެތުރުމަށް، މިފަދަ ކަންކަން ކުރަމުންދާ ފަރާތްތަކަށް އިލްތިމާސް ކުރަން“ ހުޅުމާލެ ހޮސްޕިޓަލުގެ ބަޔާނުގައި ވެއެވެ.
މީގެއިތުރުން އެ ހޮސްޕިޓަލުން ބުނީ، ބަލިމީހުންނަށް ރައްކާތެރި، އަހުލާގީ އަދި ފަންނީ މިންގަނޑުތަކަށް ފެތޭ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގައި އެ ހޮސްޕިޓަލު ދެމި އޮންނާނެ ކަމަށެވެ.



