ސަޕްލައި ދޯންޏަކުން މީހުން ސަލާމަތްކުރަން އުޅެނިކޮށް ގެއްލުނު މީހުން ހޯދުމަށް ރާއްޖެއާ ގާތް ގައުމުތަކުގެ އެހީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
އެ ހާދިސާ ހިނގާފައިވަނީ ”ފްރެންޑް 4“ ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ތ. މަޑިފުށިން ފުރައި، ތިލަފުށިން ހިލަ އާއި ހިލަވެލި ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް އަޑިއަށްގޮސްގެން، މި މަހުގެ 5 ވީ ބުދަ ދުވަހުއެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި އެ ހާދިސާ ހިނގިއިރު ދޯނީގައި އަށް މީހަކު ތިއްބެވެ. އޭގެ ތެރެއިން ހަތް މީހަކު ވަނީ ސަލާމަތް ކޮށްފައެވެ.
ގެއްލިގެން ހޯދަމުން ދަނީ އެ ދޯނީގެ ކައްޕިކަމަށްވާ ތ. މަޑިފުއްޓަށް އުފަން، އުމުރުން 35 އަހަރުގެ މުހައްމަދު ހަމްދޫން އާއި ދޯނީގައި ތިބި މީހުން ސަލާމަތް ކުރަން ހަރަކާތްތެރިވި ނ. މަނަދުއަށް ނިސްބަތްވާ، 33 އަހަރުގެ ސާޖަންޓް އަލީ ނާފިއުއާއި އެމްއެންޑީއެފްގެ 39 އަހަަރުގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދު އެވެ.
އެ މީހުން ގެއްލުނުތާ މިއަދަށް ހަތަރު ދުވަސްވެފައިވާއިރު، އެމްއެންޑީއެފްއިން އިއްޔެ ބުނީ އެ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް ވައިގެ މަގުން 5،212 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 1،070.10 ނޯޓިކަލް މޭލު ސަރަހައްދެއް މިހާރު ބަލާފައިވާ ކަމަށެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު މީހުން ފެނިފައިނުވާ ކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ، ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އެންމެ އިސްކަންދެނީ ގެއްލުނު މީހުން ހޯދުމަށް ކަމަށެވެ.
މިގޮތުން، އެ މީހުން ހޯދުމުގެ އޮޕަރޭޝަނަށް ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކުގެ ފަންނީ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރަމުން އަަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ވަނީ، ލިބެން ހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ކޮށްގެން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް މެދުކަނޑާނުލާ ކުރިއަށްދާ ކަމުގެ ޔަގީން ދީފައެވެ.




