ވިލިމާލެ ހޮސްޕިޓަލް ހިންގުން ވަގުތީގޮތުން އަމާން ހިޔާއަށް ބަދަލުކުުރުމުގެ މަސައްކަތް މި މަހު ނިމޭނެކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އާރްޑީސީން ބުނީ، ވިލިމާލެ ހޮސްޕިޓަލްގެ ހިންގުން ވަގުތީގޮތުން އަމާން ހިޔާއަށް ބަދަލުކުުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އިމާރަތައް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
މި މަސައްކަތް އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އާރްޑީސީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވީ ވިލިމާލެ ހޮސްޕިޓަލް ހިންގުން ވަގުތީގޮތުން އަމާން ހިޔާއަށް ބަދަލުކުުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާކަމަށެވެ.
އެގޮތުން މިހާރު އިމާރާތަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ޕާޓިޝަން ޖެހުމުގެ މަސައްކަތްތަކާއި ވޯޑްތައް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ނަޒީމް ވިދާޅުވިއެވެ. އަދި އަމާން ހިޔާގެ މަސައްކަތްތައް މިމަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް ނަޒީމް ވިދާޅުވިއެވެ.
ވިލިމާލޭގައި މިހާރު ޚިދުމަތް ދޭ ހޮސްޕިޓަލު ތަޅާލައި އެތަނުގައި 100 އެނދުގެ އައު ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިއީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްޤީކުރާ ހޮސްޕިޓަލެކެވެ. މިހޮސްޕިޓަލުގެ ޢިމާރާތާއި ވަޞީލަތް ޤާއިމުކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ، ޗައިނާ ސަރުކާރުންނެވެ.




