ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަންނަ ކޮންމެ މީހަކަށްވެސް އެންމެ ފުރަތަމަ ފެނިގެންދަނީ އެތަނުގެ ތަރުތީބުކަމާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އެެއާޕޯޓުގެ ހީވާގި މުވައްޒަފުންނެވެ. އުޅަނދުފަހަރު ޕާކުކުރުމާއި، މަގުހުރަސްކުރުމާއި، ޓްރެފިކް ތަރުތީބުކުރުމުގައި އަތްވާއި ވާރޭގައިވެސް ވަރުބަލިކަމެއް ނެތި ހިދުމަތްދޭން ތިބި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އެސްޓޭޓް ސެކިއުރިޓީ ސާވިސް (އީއެސްއެސް) ގެ އޮފިސަރުންނެވެ.
މި ހިދުމަތުގެ ތަފްސީލު ”ސައުވީސް“ އަށް ހިއްސާކުރައްވަމުން އީއެސްއެސްގެ ޖެނެރަލް މެނޭޖަރު އަދި ހެޑް އޮފް ޑިޕާޓްމަންޓް ހަސަން އަޝީތު ވިދާޅުވީ، އީއެސްއެސްއިން ދޭ ހިދުމަތަކީ އެއާޕޯޓުގެ ވަސީލަތްތަކާއި ޕަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދެވޭ ވަރަށް މުހިންމު ހިދުމަތެއް ކަމަށެވެ.
އީއެސްއެސް ވުޖޫދަށް އައުން:
އީއެސްއެސްގެ ހިދުމަތް އެންމެ ފުރަތަމަ ފެށުނީ ”އެސެޓްސް ޕްރޮޓެކްޝަން“ ގެ ނަމުގައި، އެއާޕޯޓުގެ އިމާރާތްތަކާއި މުދާ ބެލެހެއްޓުމުގެ މަގުސަދުގައެވެ. ނަމަވެސް، 2024 ވަނަ އަހަރުގެ މެއި މަހު ”އެސްޓޭޓް ސެކިއުރިޓީ ސާވިސް“ ގެ ނަމަށް ބަދަލުކޮށް، މަސައްކަތުގެ ދާއިރާ ވަނީ ފުޅާކޮށްފައެވެ.
40 ވަރަކަށް މުވައްޒަފުންނާއެކު ފެށި މި ހިދުމަތް ފުޅާކުރީ އެއާޕޯޓުގެ ޕަސިންޖަރުންގެ އަދަދު އިތުރުވުމާ ގުޅިގެން، ޓްރެފިކް މެނޭޖްމަންޓާއި އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމަށެވެ.

އީއެސްއެސްގެ މުހިންމު ޒިންމާތައް:
- ލޭންޑްސައިޑް ސެކިއުރިޓީ: އެއާޕޯޓުގެ އިމާރާތްތަކާއި، ޕާކިން އޭރިއާތަކާއި، ބަނދަރު ސަރަހައްދު ސެކިއުރިޓީ ޕެޓްރޯލްކޮށް ބެލެހެއްޓުން.
- ޓްރެފިކާއި ޓެކްސީ ކިޔޫ: އެއާޕޯޓަށް އަންނަ ވެހިކަލްތަކާއި ޓެކްސީ ކިޔޫތައް ތަރުތީބުކޮށް، އާންމުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުން.
- ޑިޓެންޝަން ސެންޓަރު ބެލެހެއްޓުން: އިންޓަޕޯލް ރެޑް ނޯޓިސް އޮންނަ ފަރާތްތަކާއި، އެކި މައްސަލަތަކުގައި އިމިގްރޭޝަނުން ހިފަހައްޓާ މީހުން އަނބުރާ ފޮނުވާލެވެންދެން އެފަރާތްތަކުގެ ކެއިންބުއިމާއި އަސާސީ ޚިދުމަތްތައް ބެލެހެއްޓުން.
- ސީސީޓީވީ މޮނީޓަރިންގ: ކާގޯއާއި އެންއެސްޕީޓީ ފަދަ މުހިންމު ސަރަހައްދުތަކުގެ ސީސީޓީވީ ސިސްޓަމްތައް 24 ގަޑިއިރު މޮނީޓަރުކުރުން.
- ތަހުގީގުކުރުން: އެއާޕޯޓު ތެރޭގައި ހިނގާ އެކްސިޑެންޓްތަކާއި ސެކިއުރިޓީއާ ގުޅުންހުރި ހާދިސާތައް ތަހުގީގުކުރުން.

”އަޅުގަނޑުމެންނާ ހަވާލުކޮށްފައި އޮންނަ ވަރަށް ސެންސިޓިވް މަސައްކަތެއް. އެކިއެކި މައްސަލަތަކުގައި އަދި ރެޑް ނޯޓިސް އިންޓަރޕޯލް ރެޑް ނޯޓިސް މީހުންނާ މިކަހަލަ ކަންތައްތަކުގައި ބަންދުކޮށްފައި ބަހައްޓަންޖެހޭ ހުރިހާ ޕެސެންޖަރުން، އެމީހުން އަނބުރާ ފޮނުވާލެވެންދެން އެމީހުންގެ ހުރިހާ ކަމެއް ވެސް ބަލަހައްޓަނީ އަޅުގަނޑުމެން.“ އީއެސްއެސް މުވައްޒަފުންގެ ޒިންމާތަކާ ގުޅޭގޮތުން އިތުރަށް ތަފްސީލުކޮށްދެއްވަމުން އަޝީތު ވިދާޅުވިއެވެ.
ތަމްރީނުލިބިފައިވާ ޤާބިލު ޓީމެއް:
އަޝީތު ފާހަގަކުރެއްވި ގޮތުގައި، އީއެސްއެސްގެ ހުރިހާ މުވައްޒަފުންނަކީވެސް ”ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމެންޓް“ މެދުވެރިކޮށް އެއާޕޯޓް ސެކިއުރިޓީގެ ސެޓްފިކެޓް ލެވެލް 1 ގެ ބޭސިކް ކޯސް ފުރިހަމަކޮށްފައިވާ މުވައްޒަފުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި އެމްއޭސީއެލްގެ އަމިއްލަ އިންސްޓްރަކްޓަރުން ތައްޔާރުކޮށް، ކުންފުނީގެ އެލްއެންޑީ މެދުވެރިކޮށް މި ތަމްރީނުތައް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ.

އޭވިއޭޝަން ސެކިއުރިޓީއާއި އީއެސްއެސްގެ ތަފާތު:
އޭވިއޭޝަން ސެކިއުރިޓީން އެއާސައިޑް (ބޯޓުފަހަރު ޖައްސާ ސަރަހައްދާއި ޓާމިނަލްގެ އެތެރެ) ބަލަހައްޓާއިރު، އީއެސްއެސްގެ މައިގަނޑު މަސައްކަތަކީ ލޭންޑްސައިޑް ސެކިއުރިޓީ އެވެ. މީގެ ތެރޭގައި ރޭގަނޑު ވަގުތުތަކުގައި އެއާޕޯޓުގެ އުތުރުގެ އެކަހެރި ސަރަހައްދުތައް ޕެޓްރޯލްކުރުމާއި، ވެސްޓަރން ޕާކިންގ އޭރިއާއަށް ވަންނަ އުޅަނދުތައް ރެޖިސްޓްރީކޮށް އުސޫލުގެ ތެރެއިން ބެލެހެއްޓުން ހިމެނެއެވެ.
އީއެސްއެސްގެ އެންމެ ބޮޑު މަޤްސަދު: ޕަސިންޖަރުންގެ ރައްކާތެރިކަން
އެއާޕޯޓުގެ ސެކިއުރިތީގެ ދާއިރާއިން ފުޅާވެގެން ގޮސްފައިވާ މި ހިދުމަތުގެ އެންމެ މުހިންމު މަޤްސަދަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ ޕަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމެވެ.

އެގޮތުން ޕަސިންޖަރުން އެރައިވަލް ހޯލުން ނުކުތުމާ ހަމައިން އެމީހުން ވެހިކަލްއަށް ނުވަތަ ލޯންޗަށް އެރުމާ ހަމައަށް ނުވަތަ އެއާޕޯޓުން އެމީހުން ދަންދެން އެ ޕަސެންޖަރުންގެ ކަންތައްތައް ވީހާވެސް އަވަހަށް އަދި ފަސޭހަކަމާއެކީ ނިންމާލުމަކީ އީއެސްއެސްގެ ކޮންމެ މުވައްޒަފަކުވެސް ނުހަނު ސަމާލުކަންދޭ ކަމެކެވެ.
”އިންޓަނޭޝަނަލް އެރައިވަލްއާއި ޑޮމެސްޓިކް އެރައިވަލް ވެސް އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ވަކި ކިޔު ތަރުތީބަކުން ކުރިއަށް ދާނީ. އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓްރެއިނިންގަށްފަހު ހުރިހާ އޮފިސަރުންވެސް ވަރަށް ބޮޑަށް މިކަމަށް ކަމޭހިތާ، ޔުނީފޯމް ބޮޑީއެއްގައި ހުންނަންޖެހޭ ޑިސިޕްލިން ވެސް ކަންތަތއްތައް ވެސް އަށަގަނެ، ހަވާލުކުރެވޭ މަސައްކަތްތައް ވެސް ވަރަށް ރަނގަޅަށް ކުދިން ކުރަމުންދާކަން“ އީއެސްއެސްގެ ހީވާގި މުވައްޒަފުންނަށް ތައުރީފު ކުރައްވަމުން އަޝީތު ވިދާޅުވިއެވެ.

އުމްރާވެރިން ފުރާ ދުވަސްވަރު ހާއްސަ އޮޕަރޭޝަނެއް:
ކޮންމެ އަހަރަކުވެސް ހައްޖުގެ މަތިވެރި އަޅުކަން ކުރުމަށް ހައްޖާޖީން ފުރާ ދުވަސްވަރާއި، އަހަރުގެ އެކި ދުވަސްވަރު އުމްރާވެރިން ފުރާ އަދި އެނބުރި އަންނަ ދުވަސްތަކަކީ އެއާޕޯޓަށް އެންމެ ބާރުބޮޑުވާ ދުވަސްވަރެވެ. އެއީ އީއެސްއެސްގެ ޚިދުމަތްތައް ވެސް އިތުރަށް ފުޅާކޮށް، މުވައްޒަފުން އިތުރަށް ބުރަކޮށް މަސައްކަތްކުރާ ދުވަސްވަރެކެވެ.
”ހާއްސަ އޮޕަރޭޝަނެއްގެ ގޮތުގައި އަޅުގަނޑުމެން ކުރިއަށްގެންދަން ހައްޖާޖީންނާއި އުމްރާވެރިން ފުރާ ދުވަސްވަރާއި އެނބުރި ރާއްޖެ އަންނަ ދުވަސްވަރު ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުން. އެއީ އެރައިވަލް އިން ނުކުތުމާ ހަމައިން ޓެކްސީ ކިޔޫއާ ހަމައަށް ދެވެންދެން،“ އަޝީތު ވިދާޅުވިއެވެ.
އަޝީތު އިތުރަށް ވިދާޅުވި ގޮތުގައި މިއީ ވަރަށް ދުރާލައި ރާވައިގެން، ވަކި އުސޫލުތަކެއްގެ ދަށުން ކުރިއަށްގެންދާ އޮޕަރޭޝަނަކަށްވުމުން، އެ ދުވަސްވަރު އީއެސްއެސްގެ ހުރިހާ މުވައްޒަފުންވެސް ހިދުމަތަށް ނުކުންނާނެއެވެ.
އާންމުންގެ އެއްބާރުލުމަށް އެދުން:
މާހައުލުގެ ގޮންޖެހުންތަކާއެކުވެސް އީއެސްއެސްގެ އޮފިސަރުން ސާބިތުކަމާއެކު ދެމިތިބީ ޕަސިންޖަރުންނާއި އެއާޕޯޓަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައެވެ. ނަމަވެސް، ބައެއް ފަރާތްތަކުން އިރުޝާދުތަކަށް ނުކިޔަމަންތެރިވެ، ބޭއަދަބީކޮށް އަމަލުކުރުމަކީ މުވައްޒަފުންނަށް ދިމާވާ މާޔޫސްކަމެކެވެ.
”އަޅުގަނޑުމެންގެ މުވައްޒަފުން އަންގާ އެންގުންތަކަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގާ އެންގުންތަކެއް. އެއާޕޯޓުން ހިދުމަތް ހޯއްދަވާ ހުރިހާ ބޭފުޅުންވެސް ސެކިއުރިޓީ އޮފިސަރުންގެ އިރުޝާދުތަކަށް ބޯލަނބައި، ފުރިހަމަ އެއްބާރުލުން ދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،“ އަޝީތު ވިދާޅުވިއެވެ.




