ރާއްޖޭގެ ވަޒީފާ ބާޒާރާއި މުވައްޒަފުން ހޯދުމުގެ ނިޒާމުގެ އިތުރުން، ކެރިއާ ޑިވެލޮޕްމަންޓްގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ހަދާފައިވާ ”މައި ކެރިއާ ޕޯޓަލް“ ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފިއެވެ.
އެ ޕޯޓަލް މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ، ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ. އެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ކަސްޓަމްސް ގައެވެ.
މިފަދަ ޕޯޓަލެއް ހެދުމުގެ މައިގަނޑު މަގުސަދަކީ ވަޒީފާ ހޯދާ މީހުންނާއި ވަޒީފާދޭ މީހުންގެ އިތުރުން ކެރިއާ އެޑްވައިޒަރުން އެއް ތަނަކުން ގުޅުވާލައި، ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ލުއިފަސޭހަ ނިޒާމެއް ގާއިމުކުރުން ކަމުގައި ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.
ޕޯޓަލްގައި ހިމެނޭ ކަންކަން:
° ކެރިއާ ގައިޑެންސް: ވަޒީފާ ހޯދާ މީހުންނާއި ތަމްރީނު ލިބިފައިވާ ކައުންސިލަރުން ސީދާ ގުޅުވައިދީ، އަމާޒުތައް ކަނޑައެޅުމަށާއި ފަރުދީ ގޮތުން ބޭނުންވާ އިރުޝާދު ފޯރުކޮށްދިނުމުގެ އިތުރުން މަސައްކަތުގެ ދާއިރާއިން ކުރިއެރުން ހޯދުމަށް އެކްޝަން ޕްލޭންތައް މޮނިޓާ ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދޭނެ.
° ކެރިއާ ޕާތުވޭ ޑިޒައިނާ: ކެރިއަރުގައި ދުރު ރާސްތާގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި، ކަމާބެހޭ މާހިރުންގެ އިރުޝާދާއެކު ކުރިއަށްދާނެ މަގުޗާޓެއް ކުރަހައިދޭނެ.
° މައިލްސްޓޯން ޓްރެކާ: މީހާގެ ތައުލީމީ ފެންވަރާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާ އެއް ފެނުމަކުން ފެންނާނޭހެން ތަރުތީބުކޮށްދޭ ޗާޓެެއް. މީގެ ސަބަބުން ހާސިލު ކޮށްފައިވާ ކާމިޔާބީތަކާއި އިތުރަށް ކުރިއަރުވަން ހުނަރުތައް ފަސޭހައިން ދެނެގަނެވޭނެ.
° ވަޒީފާއާ ގުޅުވައިދިނުން: ވަޒީފާގެ ފުރުސަތުތައް އިއުލާނުކުރުމާއި މީހާގެ ހުނަރާ ގުޅޭ ވަޒީފާތައް އޮޓޮމެޓިކުން ހުށަހަޅައިދިނުމުގެ އިތުރުން، ވަޒީފާއަށް ކުރިމަތިލުމުގެ މަރުހަލާ ލުއިފަސޭހަކޮށް އަވަސްކޮށްދޭނެ.



