ނ. ހޮޅުދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް ނިމި، އެ ނިޒާމު ޓެސްޓްކޮށް ކޮމިޝަންކޮށްފިއެވެ.
2019 ވަނަ އަހަރު ފެށި މި މަޝްރޫޢަކީ ނިމިދިޔަ ދައުރުގައި ނުނިމި އޮތް މަސައްކަތެއް ނަމަވެސް، ފަހުން މަސައްކަތްތައް ހަލުވިކޮށް މިހާރު ވަނީ މުޅިން ނިންމާލާފައެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ނިމުމާއެކު މިހާރު ކުރިއަށްދަނީ މި ނިޒާމު އޮޕަރޭޓް ކުރުމަށްޓަކައި އޮޕަރޭޓަރާ ހަވާލުކުރުމުގެ އިދާރީ މަސައްކަތްތައް ކަމަށެވެ. މި ނިޒާމު ކޮމިޝަން ކުރުމުގެ މަސައްކަތުގައި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާއިލް ޙަމީދާއި، މިނިސްޓްރީގެ ޓެކްނިކަލް ސްޓާފުންގެ އިތުރުން ކޮންޓްރެކްޓަރާއި ފެނަކަ ކޯޕަރޭޝަން އަދި ކައުންސިލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
16 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުން ހޮޅުދޫގައި ވަނީ ވަރުގަދަ އުމްރާނީ ވަސީލަތްތަކެއް ޤާއިމުކޮށްފައެވެ. އެގޮތުން 6.6 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް އަޅައި، 60 ޓަނުގެ 2 އާރްއޯ ޕްލާންޓާއި 25 ޓަނުގެ ވާރޭ ފެން ޕްލާންޓެއް ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން 350 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކާއި 200 ޓަނުގެ ވާރޭ ފެން ރައްކާކުރާ ޓޭންކެއް ވެސް ވަނީ ޤާއިމުކޮށްފައެވެ.
މި މަޝްރޫޢަކީ 11 ރަށެއްގައި ފެނާ ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފެށި މަޝްރޫޢެއްގެ ދަށުން ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ. 1400 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ހޮޅުދޫގެ ފެނުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެ ރަށުގައި ކަރަންޓުގެ ޚިދުމަތްވެސް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުންނެވެ.



