ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެ ސަރަހައްދުގައި ބޯވިއްސާރަ ވިލާ އުފެދުމުގެ ފުރުސަތު ބޮޑުކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓުން ނެރުނު ބަޔާނެއްގައި ބުނީ، ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
މެޓުން ބުނީ، ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން އެންމެ ގޯސްވާނެކަމަށް ބެލެވެނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަމަށެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާގޮތަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ގުގުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
ވައިގެ ބާރުމިނަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ވަނީ ބުނެފައެވެ.
ކަނޑުގެ ހާލަތަށް ބަލާއިރު، ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.
އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާގުޅޭ ފަރާތްތަކުން ވަނީ އެދިފައެވެ.




